މަސްތުވާތަކެއްޗަކީ މާތްވެގެންވާ އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާ އެއްޗެކެވެ. މަސްތުވާތަކެތި ބޭނުން ކުރާ މީހާއާއި، އެތަކެތި އުފުލާދޭ މީހާއަށް ﷲ ވަނީ ލައުނަތް ލައްވާފައެވެ. މާތްﷲ މަސްތުވާތަކެތި ހަރާމް ކުރައްވާފައިވަނީ މަތިވެރި ހިކުމަތަކަށްޓަކައެވެ. އެއީ މަސްތުވާތަކެއްޗަކީ އެތަކެއް ކުށެއްްގެ އަސްލުކަމަށް ވުމާއި، އޭގެން ހަށިގަނޑަށް ލިބޭ ގެއްލުމުގެ ބޮޑުކަމުންނެވެ. ހަށިގަނޑަށް ގެއްލުން ލިބޭ ކޮންމެ އެއްޗެއް އަދި ކޮންމެ ކަމެއް ﷲ ވަނީ ނަހީކުރައްވާފައެެވެ.

މަސްތުވާތަކެތީގެ ވަބާއަކީ މިއަދު އަޅުގަނޑުމެންގެ މި ކުޑަކުޑަ ޖަޒީރާ ޤައުމުގައިވެސް ފެތުރުފައިވާ ވަރަށް ނުރައްކާތެރި ވަބާއެކެވެ. ހަލުވި ކަމާއި އެކު ރާއްޖޭގެ އުތުރާއި ދެކުނުން، އަދި ހުޅަގުން އިރަށް މި ވަބާ ފެތުރެމުން އަންނައިރު، އެ ވަބާގެ ޝިކާރައަކަށް ވެފައިވާ އެތައް ބަޔަކު މިޤައުމުގައި އެބައުޅެއެވެ. ހާއްސަގޮތެއްގައި މާދަމާ ޤައުމުގެ ހުންގާނުގައި ހިފަން ތިބި އަދުގެ ޅަ ޒުވާނުން މި ވަބާގެ ޝިކާރައަކަށްވެ ހަލާކުވެގެންދާ ކަމީ ހިތާމަހުރި ކަމެކެވެ.

މަސްތުވާތަކެއްޗަކީ އިޖުތިމާއީ އެތައް ކުށެއްގެ އަސްލުކަމީ އެންމެން ދަންނަ ބޮޑު ސިއްރެކެވެ. މަސްތުގެ ހާލުގައި ހުރެ މާރާމާރީއާއި، ފޭރުމާއި ވައްކަމާއި މިހެންގޮސް ލެއްވިހާ ކުށަކަށް އަރައިގަންނަ މީހުންގެ އަދަދު މިއަދު މި ކުޑަ މުޖުތަމައުގައިވެސް އަތުން ގުނާލެވޭ ވަރަށް ވުރެ ގިނައެވެ. މަސްތުވާތަކެތީގެ ވިޔަފާރި ފުޅާވެ ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައިވެސް އެ ވިޔަފާރި މިވަނީ އަތްގަދަކޮށްފައެވެ. މަސްތުވާތަކެތީގެ އަގު ބާޒާރުގައި ހެޔޮވެއްޖެއެވެ. ފާޅުގައި އެހެރެގެން މަސްތުވާތަކެތީގެ ވިޔަފާރިކޮށް އޭގެ ބޭނުން ކުރަނީއެވެ. ސުބްހާނަﷲ އެވެ. މިއީ އަޅުގަނޑުމެން މޭ ފުއްޕާލައިފައި މޭގައި އަތްޖަހާލުމަށް ބުނާ ސައްތައިން ސައްތަ މުސްލިމު ޤައުމުގެ ހާލަތެވެ.

ކުށުގެ ވެއްޓަށް ނުކުންނަ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި އޭގެ ތެރޭގައިވެސް ގިނައީ އުމުރުން 16 އަހަރާއި 22 އަހަރާއި ދެމެދުގެ މީހުން ކަމީ ޤައުމުގެ މުސްތަޤުބަލު އޮންނާނެ ބަނަ ގޮތް ހާމަވާ ކަމެކެވެ. ޤައުމުގެ މާދަމާ އެވަނީ މަސްތީ ހާލުގައެވެ.

މަސްތުވާތަކެތީގެ ވަބާއަކީ ޤައުމުން ފޮހެލަން އުނދަގޫ އެހެނަސް ފޮހެލެވިދާނެ ވަބާއެކެވެ. ބޭނުންވަނީ އެކުވެރި އިހްލާތްތެރި މުޖުތަމައެކެވެ. އަދި ކެރިގެން މަސްތުވާތަކެއްޗާއި ދެކޮޅަށް އަޑު އުފުލާ، އަމަލީ ގޮތުން އެކަން ދައްކާނެ ދަރީންތަކެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *