މިދުވަސްވަރު ވައިރަލް ހުމާއި އެކި ކަހަލަ ރޯގާތައް ފެތުރޭ މިންވަރު އިތުރުވެފައިވާތީ، އާއްމުން ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކުގައި އަރިދަފުސް ރޯގާ އާއި ވައިރަލް ހުން ފެތުރެމުންދާ ކަމަށް އެ އެޖެންސީގެ ތަފާސްހިސާބުތަކުން ދައްކާ ކަމަށެވެ.
މި އަހަރުގެ ފާއިތުވެދިޔަ މަސްތަކާ އަޅާ ބަލާއިރު އިންފުލުއެންޒާ ޖެހިގެން ރިޕޯޓުކުރާ އަދަދުވެސް އިތުރުވަމުން އަންނަ ކަމަށެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، އިންފްލުއެންޒާ ބީ ގެ 57 ކޭސް މިދިއަ މަހު ރެކޯޑްކޮށްފައިވެ އެވެ. އަދި ޓެސްޓް ކުރި ފަރާތްތަކުގެ ތެރެއިން 40 ޕަސެންޓް މީހުން އިންފްލުއެންޒާ ބީ އަށް ޕޮޒިޓިވްވި ކަމަށްވެސް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.