ދިވެހިރާއްޖޭގެ ރައީސުލްޖުމުހުރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހްގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އެގައުމުގެ ގައުމީ އޯކިޑް ބަގީޗާއަށް ކުރެއްވި ޒިޔާރަތުގައި، ރައީސް ޞާލިހްގެ ދެކަނބަލުންގެ ނަން ދީފައިވާ އޯކިޑެއް އިންދާފިއެވެ.
ރައީސް ޞާލިހްގެ ދެކަނބަލުންގެ ނަން ދީފައިވާ އޯކިޑަކީ ޕަޕިލިއޮންޑާ އޯކިޑެކެވެ.
ސިންގަޕޫރަށް ޒިޔާރަތްކުރާ، އިއްޒަތްތެރިން އަދި ހާއްސަ މެހެމާނުން، އެގައުމުގެ ގައުމީ އޯކިޑް ބަގީޗާއަށް ޒިޔާރަތް ކުރުމުން އެމީހުންގެ ޝަރަފުގައި އޯކިޑެއް އިންދުމަކީ، އެގައުމުގައި ވަރަށް ކުރިން ފެށިގެން ކުރަމުން އަންނަ ކަމެކެވެ.
އެގޮތަށް އެގައުމަށް ޒިޔާރަތްކުރާ، ބޭރުގެ އިއްޒަތްތެރިންގެ ނަމަށް އޯކިޑެއް ހާއްސަކުރަނީ، ދެ ގައުމުގެ ދެމެދުގައިވާ އެކުވެރިކަމުގެ ރަމްޒެއްގެ ގޮތުގައެވެ.
ގައުމަށް ޒިޔާރަތް ކުރާ އިއްޒަތްތެރިންނަށް އަދި މެހެމާނުންގެ ނަމަށް އޯކިޑެއް ހާއްސަ ކުރުމަކީ ހަމައެކަނި ސިންގަޕޫރްގެ އޯކިޑް ބަގީޗާގައި ކުރާ ކަމެކެވެ.
ސިންގަޕޫރުގެ ގައުމީ އޯކިޑް ބަގީޗާގައި އޯކިޑަށް ނަން ދެވިފައިވާ ގައުމުތަކުގެ ޢިއްޒަތްތެރިންގެ ތެރޭގައި އިނގިރޭސި ޝާހީ އާއިލާގެ ޕްރިންސެސް ޑަޔާނާ، ސައުތު އެފްރިކާގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާ އަދި ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ސިނަވަޓްރާ ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން މަޝްހޫރު ބައެއް ތަރިންގެ ނަމުން ނަން ދީފައި ވެއެވެ. މީގެތެރެއިން ފާހަގަކޮށްލެވޭ ބައެއް ތަރިންގެ ތެރޭގައި ލަވަކިއުންތެރިޔާ އެލްޓަން ޖޯންސް، އަންހެން ގޮލްފް ކުޅުންތެރިޔާ އަނިކާ ސޮރެންސްޓަމް، ފިލްމީތަރި ޖެކީ ޗެން ހިމެނެއެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ޕްރިންސެސް ޑަޔާނާގެ ނަން ދެވިފައިވާ އޯކިޑެވެ.
ސިންގަޕޫރަށް ޒިޔާރަތްކުރާ އިއްޒަތްތެރިންގެ ނަމަށް އޯކިޑެއް ހާއްސަ ކުރުން ފެށުނީ 1957 ވަނަ އަހަރު، އެ ބަގީޗާއަށް ޒިޔާރަތް ކުރި ލަންޑަންގެ ހައި ކޮމިޝަނަރުގެ އަންހެނުންގެ ނަމުގައި އޯކިޑެއް ފެޅުވި ހިސާބުންނެވެ.