ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ދަށަށް ބަދަލު ކުރުމަށް ޖޭއެސްސީގެ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހަށް ބަލައިގެންފި އެވެ.
ޖޭއެސްސީގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ(އިންތި) އެވެ.
އެ ބިލު މަޖިލީހަށް ބަލައިގަތީ 68 މެންބަރުންގެ ވޯޓާއި އެކުގައެވެ.
ޖޭއެސްސީގެ ޤާނޫނަށް ހުށަހެޅި އިސްލާހުގައި އެ ކޮމިޝަންގެ ޤާނޫނުގެ 21 ވަނަ މާއްދާގެ ފަހަތަށް ވަނީ ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން އުފެއްދުން" ގެ ނަމުގައިވަނީ މާއްދާއެއް އިތުރުކުރަން ހުށަހަޅާފައެވެ.
ޖޭއެސްސީގެ ގާނޫނަށް ހުށަހެޅި އިސްލާހުގައި ވާގޮތުން އެ އިސްލާހު ފާސްވާ ހިސާބުން "ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން" ގެ ނަމުގައި އިދާރާއެއް އުފެދޭނެ އެވެ. އަދި އެ އިދާރާ އުފެދުމާއެކު މިހާރު ސްޕްރީމް ކޯޓުގެ ދަށުން ހިންގަމުން އަންނަ ޑީޖޭއޭ އުވިގެންދާނެއެވެ.