މިހާރު ކުރިއަށްދާ ކްރިކެޓް ވޯލްޑްކަޕްގައި އިއްޔެ ކުޅުނު މެޗުގައި 28 ލަނޑުން ބަންގްލަދޭޝް ބަލިކޮށް އިންޑިއާ އިން މުބާރާތުގެ ސެމީ އިން ޖާގަ ހޯދައިފިއެވެ.

މި ނަތީޖާއާއެކު، ދެވަނައިގައި އޮތް އިންޑިއާ އަށް 13 ޕޮއިންޓް ލިބިފައިވާއިރު، ސެމީގެ އަނެއް ޖާގަ މިހާތަނަށް ކަށަވަރުކޮށްފައިވަނީ 14 ޕޮއިންޓާއެކު އެއްވަނައިގައި އުޅޭ އޮސްޓްރޭލިއާ އެވެ. ސެމީގެ ދެން އޮތް ދެ ޖާގަ ހޯދުން އެންމެ ގާތީ، 11 ޕޮއިންޓާއެކު ތިންވަނައިގައި އޮތް ނިއު ޒީލެންޑްގެ އިތުރުން 10 ޕޮއިންޓާއެކު ހަތަރުވަނައިގައި އޮތް އިންގްލެންޑެވެ. 

އެގޮތުން ދެން ކުރިއަށް އޮތް, އެ ދެ ޓީމު ބައްދަލުކުރާ މެޗުން އިންގްލެންޑް މޮޅުވެއްޖެނަމަ، ދެ ޓީމަށްވެސް ސެމީން ފުރުޞަތުލިބޭނެއެވެ. ނަމަވެސް، އިންގްލެންޑް ބަލިވެ ފަހު މެޗުގައި ބަންގްލަދޭޝް އަތުން ޕާކިސްތާން މޮޅުވެއްޖެނަމަ، އިންގްލެންޑްގެ ބަދަލުގައި ސެމީން ޖާގަ ލިބޭނީ ޕާކިސްތާނަށެވެ.

އިންގްލެންޑްގެ ބާމިންހަމްގައި އިއްޔެ ކުޅުނު މި މެޗުގެ ޓޮސް ދިމާވުމުން އިންޑިއާ އިން ކުޅެން އަރައި 50 އޯވަރުގެ ތެރޭގައި ނުވަ ކުޅުންތެރިން ނުބައިވެގެން 314 ލަނޑުހެދިއިރު، އެ ޓީމުގެ ރޯހިތު ޝަރްމާ އާއި ކޭއެލް ރާހޫލް ގުޅިގެން ފުރަތަމަ ވިކެޓަށްހެދި 180 ލަނޑުގެ ޕާޓްނާޝިޕަކީ މި މުބާރާތުގެ ރެކޯޑެކެވެ. މި އިނިންގްސްގައި އިންޑިއާ އިން އެންމެ ރަނގަޅަށް ކުޅުނީ 92 ބޯޅައިން 104 ލަނޑުހެދި ރޯހިތު ޝަރުމާ އެވެ. މިއީ މިފަހަރުގެ މުބާރާތުގައި އޭނާ ސައްތަ ހެދި ހަތަރުވަނަ ފަހަރެވެ. ބަންގްލަދޭޝް އިން އެންމެ ރަނގަޅަށް އުކި މުސްތަފިޒުއްރަހުމާން ފަސް ވިކެޓްނެގިއެވެ.

ޖަވާބުގައި ކުޅެން އެރި ބަންގްލަދޭޝްގެ ހުރިހާ ކުޅުންތެރިން 48 އޯވަރުގެ ތެރޭގައި ނުބައިވީ 286 ލަނޑަށެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 66 ލަނޑުހެދި އޯލްރައުންޑަރު ޝަކީބުލް ހަސަން އެވެ. މީގެއިތުރުން، ނުބައިނުވެ 38 ބޯޅައިން 51 ލަނޑުހެދި މުހައްމަދު ސައިފުއްދީންގެ ކުޅުން ފާހަގަކޮށްލެވެއެވެ. އިންޑިއާ އިން އެންމެ ރަނގަޅަށް އުކީ ހަތަރު ވިކެޓްނެގި ޖަސްޕްރީތު ބުމްރާ އާއި ހާރްޑިކް ޕާންޑިޔާ ތިން ވިކެޓްނެގިއެވެ.

މި މުބާރާތުގައި އިންޑިއާ އަށް ދެން އޮތީ ސްރީ ލަންކާއާ ދެކޮޅަށް އަންނަ ހޮނިހިރު ދުވަހު ކުޅޭ މެޗެވެ. އެ މެޗުން އިންޑިއާ މޮޅުވެއްޖެނަމަ އެ ޓީމަށް ތާވަލްގެ އެއްވަނަ ކަށަވަރުވެގެންދާނެއެވެ. މިއަދު ކުޅޭ މެޗުގައި ބައްދަލުކުރާނީ ނިއު ޒީލެންޑާއި އިންގްލެންޑެވެ.

ކްރިކެޓް ވޯލްޑްކަޕްގެ ސެމީ ފައިނަލަށް ހޮވޭނީ ލީގު އުސޫލުން އެއްބުރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމެވެ. ފައިނަލް މެޗު އޮންނާނީ ލަންޑަންގެ ލޯޑްސްގައި ޖުލައި މަހުގެ 14 ވަނަ ދުވަހުއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *