އޭރު އަހަރެން ދުނިޔެއަކު ނެތީމެވެ. އެހެންކަމުން އެ ދުވަސް ސިފަކޮށްދޭން އަހަރެންނަށް ވަރަށް ދައްޗެވެ.
އެދުވަހުގެ ތަޖުރިބާ އަހަރެމެންނާ ހިއްސާކޮށްދޭން ބޭބެ ހުރިނަމައޭ ބައެއް ފަހަރު ހިތަށް އަރައެވެ.
އެދުވަހު ބޭބެ ވީ ޤުރުބާނީ އަސްލާ އެއްގޮތަށް ކިޔާދޭން އެނގޭނީ ހަމަ އެކަނި ބޭބެއަށްކަން ޔަޤީނެވެ.
ދުޝްމިނުންގެ ހަމަލާތަކުގެ އައްޑަނައަކަށްވެ ހުރެ ރައްދުގައި ހަމަލާދީ ދުޝްމިނުން ސިއްސުވާލަ ދިނީ ބޭބެއެވެ. ދުޝްމިނުންގެ މުޅި ޕްލޭން ފެއިލްކޮށްލި މޭސްތިރިއަކީ ހަމަ ތިޔަ ބޭބެއެވެ. ދުޝްމިނުންގެ ހަމަލާތަކުން މި ޤައުމާއި ރައްޔިތުން ދިފާއުކުރުމުގަ ބޭބެ ޝަހީދުވެގެން ދިޔައީ ހަށިގަނޑުގެ އެތަން މިތަނަށް އުންޑަތައް ވަދެގެންނެވެ.
އާއެކެވެ! މި ހުއްބުލްބަޠަނުގެ ދިފާއުގައި ބޭބެ ޝަހީދުވީއެވެ.
މާތް ރަސްކަލާންގެ ދިވެހިންނަށް ނަސްރު މިންވަރުކުރެއްވިއެވެ.
އަލްޙަމްދު ލިﷲ
ބޭބޭއެވެ. ލިޔުން ފެށުމުގެ ކުރިން އަހަރެން ބޭބެގެ ކިބައިން މާފަށް އެދުނީ ލަދުވެތިކަމާއެކުގައެވެ.
އަދު މި ޤައުމުގަ ކަން ހިނގަމުންދާގޮތަށް އަހަރެން ލަދުވެތިވަމެވެ.
ބޭބޭއެވެ. ނޮވެމްބަރު ތިނެއް ނަވާރަސަތޭކަ އަށްޑިހަ އަށެއްގަ ބޭބެއާއި ބޭބެގެ ބައިވެރިން ކުރި ޤައުމީ ޖިހާދު އަދު އަމިއްލަ އެދުމާއި ސިޔާސީ ކަންކަމުގެ ތެރެއަށް ވައްދާ އެ ޖިހާދު މުޅިން އޮޅުން ބޮޅުން އަރުވާލަނީއެވެ.
އެދުވަހު ހިނގި ކަންކަން ނުހިގާ ކަމައްގެ ގޮތުގައި ބަޔަކު ހަދަމުން ދަނީއެވެ. އެދުވަހު ބާޣީން ޤާޒީންނަށް ހަދަން މި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ވަކާލާތު ކުރަނީއެވެ.
އަދު ބޭބެމެން ފިނޑިންނަށް ހަދައި ނިންމަނީއެވެ. ހާއިނުން ބަޠަލުންނަށްވެ ނިމެނީއެވެ.
ބޭބެމެންގެ ޤުރުބާނީ ސިޔާސީ ހަތިޔާރަކަށްވެ ނިމިގޮސްފިއެވެ.
ބޭބެމެންގެ ގުރުބާނީގެ ވާހަކަ އެކަކު އަނެކަކަށް ޖޯކަކަށް ހަދާ ނިންމާލަނީއެވެ.
ބޭބޭއެވެ. އޭރު ބޭބެއަށް ވިހި އަހަރު ނުފުރެއެވެ. ދުނިޔޭގަ ހުރިނަަމަ މިއަދު ބޭބެއަށް ފަންސާސް ފުރި ކާފަވެދާނެއެވެ. ބޭބެގެ އުންމީދުތަކާއި ހަޔާތް އަހަރެމެންނަށްޓަކާ ގުރުބާން ކުރީއެވެ. އެކަމަށްޓަކާ ތާ އަބަދު ބޭބެއަށް ސަނާ ކިޔަމެވެ.
މިއަދު ކަންބޮޑުވަނީ އަހަރެމެންގެ ދަރިންނާއި ހަމަޔަށް ބޭބެގެ ގުރުބާނީ ދާނީ ކޮން މައުޟޫއެއްގަތޯ ވިސްނާލުމުންނެވެ. އަހަރެންނަށް ތިޔައީ ބަޠަލެކެވެ. އަހަރެންގެ ދަރިންނަށް އަހަރެން ކިޔާދޭނީ ޝަހީދު ހުސައިން އާދަމަކީ ޤައުމީ ބަޠަލެއްކަމަށެވެ.
ބޭބޭއެވެ. ކުރުކޮށްލާނަމެވެ. އަމިއްލަ އެދުމާއި ސިޔާސީ މަންފާ ހާސިލްކުރުމުގެ ނިޔަތުގައި ބޭބެމެންގެ ގުރުބާނީއަށް މި ޤައުމުގެ ބަޔަކު ޖޯކް ޖަހަމުންދާތީ ހިތާމަކުރަމެވެ. ލޮލުން ކަރުނަ އާދެއެވެ. ބޭބޭއެވެ. އަދިވެސް އެއްފަހަރު މާފަށް އެދެމެވެ.