މިހާރު ކުރިއަށްދާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ރޭ ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ވާދަވެރި ބްރެޒިލް އަތުން 2-0 އިން ބަލިވެ އާޖެންޓީނާ ފައިނަލަށް ނުގޮސް ކަޓައިފިއެވެ.
މިއީ 1987 ވަނަ އަހަރުގެ ފަހުން ފައިނަލަށް ނުގޮސް ސެމީއާ ހަމައިން އާޖެންޓީނާ ކެޓި ފުރަތަމަ ފަހަރެވެ. އެ ޓިމު ފައިނަލްގައި އެންމެފަހުން ކުޅުނީ 2015 އާއި 2016 ވަނަ އަހަރުގައެވެ. އެ ދެ ފަހަރުވެސް ޕެނަލްޓީޖަހައިގެން ޗިލީ އަތުން ބަލިވެ ނާކާމިޔާބީއާ ކުރިމަތިލާންޖެހިފައިވެއެވެ. މީގެއިތުރުން، މިއީ ވޭތުވެދިޔަ 12 އަހަރުގެ ތެރޭގައި ބޮޑު މުބާރާތެއްގެ ފައިނަލަށް ބްރެޒިލް ދަތުރުކުރި ފުރަތަމަ ފަހަރެވެ.
ރޭގެ މެޗަށް އާޖެންޓީނާ ނިކުތްއިރު އެންމެފަހުން ވެނެޒުއޭލާއާ ދެކޮޅަށް ކުޅެ 2-0 އިން މޮޅުވި މެޗުގެ ފުރަތަމަ އެގާރަ އަށް އެންމެ ބަދަލެއްވެސް ގެނެސްފައެއްނުވެއެވެ. އެކަމަކު، ބްރެޒިލުން ރޭގެ މެޗަށް ނިކުތީ އެންމެފަހުން ކުޅުނު މެޗުގެ ފުރަތަމަ އެގާރައަށް ދެ ބަދަލެއް ގެނެސްގެންނެވެ. އެގޮތުން، ސަސްޕެންޝަނަށްފަހު އެ ޓީމުގެ ޑިފެންސިވް މިޑްފީލްޑަރު ކަސެމީރޯ އެނބުރިއައިއިރު، ފިލިޕޭ ލުއިސްގެ ބަދަލުގައި އެލެކްސް ސެންޑްރޯ އަށް ވަނީ ފުރަތަމަ އެގާރައިން ފުރުޞަތުދީފައެވެ.
ބްރެޒިލްގެ ބެލޯ ހޮރިޒޮންޓޭގައި ރޭ ކުޅުނު މެޗުގައި، އެ ޓީމުން ލީޑްނެގީ 19 ވަނަ މިނެޓުގައި ގެބްރިއަލް ޖެސޫސް ކާމިޔާބުކުރި ގޯލުންނެވެ. މިއީ އެ ޓީމުގެ ރޮބާޓޯ ފިރްމީނޯ ތަނަވަސްކުރި ފުރުޞަތަކުން ޖެސޫސް ކާމިޔާބުކުރި ގޯލެކެވެ. މިހާފުގައި އާޖެންޓީނާ އަށް ނަތީޖާ ހަމަހަމަކޮށްދިނުމަށް ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި، 30 ވަނަ މިނެޓުގައި އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ނަގައިދިން ހިލޭޖެހުމަކުން ސާޖިއޯ އަގުއޭރޯ ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ.
ފުރަތަމަ ހާފު ނިމެން ދެ މިނެޓަށްވެފައިވަނިކޮށް، ބްރެޒިލްގެ ލީޑް ފުޅާކުރުމަށް އާތުރް މެލޯ އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ އާޖެންޓީނާގެ ގޯލްކީޕަރު ފްރޭންކޯ އަރްމާނީ މަތަކުރިއެވެ. މި ހާފު ނިމުނީ 1-0 އިން ބްރެޒިލް ކުރީގައިއޮވެގެންނެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން ފުރަތަމަ ވިހި މިނެޓުގެތެރޭގައި، އާޖެންޓީނާގެ ލޮޓާރޯ މާޓިނޭޒްގެ އިތުރުން މެސީ އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ދެ ހަމަލާގެވެސް ހުރަހަކަށްވީ ބްރެޒިލްގެ ގޯލްކީޕަރު އެލިސަން ބެކާ އެވެ. މީގެއިތުރުން، މި ހާފުގެ ކުޅުން ފެށިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ޕެނަލްޓީއޭރިޔާބޭރުން މެސީ ފޮނުވާލި ބޯޅައެއް ގޯލްގެ އަރިމަތީދަނޑިއަށްވެސް އަމާޒުވެފައިވެއެވެ. ބްރެޒިލްގެ ދެވަނަ ލަނޑުޖެހީ، މެޗުގެ 71 ވަނަ މިނެޓުގައި ފިރްމީނޯ އެވެ. މިއީ ޖެސޫސް ދިން ބޯޅައަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.
މި ނަތީޖާއާއެކު، ބްރެޒިލް ވަނީ 2005 ވަނަ އަހަރުގެ ފަހުން ބޮޑު މުބާރާތެއްގައި އާޖެންޓީނާ އަތުން ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑް އިތުރަށް ދަމަހައްޓާފައެވެ.
ފައިނަލްގައި ބްރެޒިލްއާ ދެކޮޅަށް ކުޅެން ޖެހޭނެ ޓީމެއް އެނގޭނީ މި މުބާރާތުގެ ދެވަނަ ސެމީގައި މިރޭ ޕެރޫއާ ޗިލީ މެޗުން މޮޅުވާ ޓީމަކާއެވެ. މިރޭގެ މެޗު ފަށާނީ ރާއްޖޭގަޑިން ފަތިހު 5:30 ގައެވެ.