ކޮޅުމަޑުލު ވަންދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް އެދެވޭ ހައްލެއް މި މަސް ނިމުމުގެ ކުރިން ހޯދައިދެއްވާނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.
ވަންދޫ ކައުންސިލް މެންބަރުންނާއި އެކު އިއްޔެ ބޭއްވި ބައްދަލުވުމުގައި، ކައުންސިލުގެ ފަރާތުން ވަނީ ރަށުގެ ކަރަންޓުގެ ހާލަތު ސައީދާއި ހިއްސާ ކުރައްވާފައެވެ.
ކައުންސިލަރުންގެ ވާހަކަ އަޑުއެއްސެވުމަށް ފަހު ފެނަކައިގެ އެމްޑީ ސައީދު ވިދާޅުވީ، ވަންދޫގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް މިމަސް ނިމުމުގެ ކުރިން އެރަށަށް 200 ނުވަތަ 250 ކިލޯ ވޯޓުގެ ޖަނަރޭޓަރެއް ފޮނުވައިދެއްވާނެ ކަމަށެވެ.
އާބާދީގައި 404 މީހުން ދިރިއުޅެމުން އަންނަ ވަންދޫއަށް މިހާރު ކަރަންޓު ފޯރުކޮށްދެމުން ދަނީ 160 ކިލޯވޯޓުގެ ޖަނަރޭޓަރަކުންނެވެ. އެ ޖަނަރޭޓަރަކީވެސް ވަރަށް ބޮޑަށް ބާވެފައިވާ ޖަނަރޭޓަރެކެވެ. އަދި އެކަމުގެ ސަބަބުން ދޭތެރެ ދޭތެރެއިން ރަށުން ދަނީ ކަރަންޓް ކެނޑެމުންނެވެ.