ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ކޮޅުމަޑުލު ވަންދޫ ކައުންސިލަރުންނާއި މިއަދު ބައްދަލުކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ރަށަށް ބޭނުންވެފައިހުރި ކަންކަމުގެ މަޢުލޫމާތާއި, ރަށުގެ ކުރިއެރުމަށްހުރި ދަތިތައް ކައުންސިލުގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޙިއްޞާ ކުރައްވާފައެވެ.
މި ބައްދަލުވުމުގައި ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ރަށުގެ ކަރަންޓްގެ ޙާލަތު ރަނގަޅުކުރަން ކުރަންހުރި ކަންކަމާއި، ރަށުގެ ގިރާ ސަރަހައްދު ޙިމާޔަތްކުރުމަށް ރިވެޓްމަންޓެއް ޖެހުމާއި، ޞިއްޙީ ދާއިރާގެ އިތުރުން ތައުލީމީ ދާއިރާއާއި ގުޅޭ ކަންކަން ހިމެނެއެވެ. އަދި ކުޅިވަރު ކުރިއެެރުވުމަށް ހުރި ގޮންޖެހުންތައް ކައުންސިލަރުން ވަނީ ނައިބު ރައީސާއި ހިއްސާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ވަންދޫ ކައުންސިލުން އެދިވަޑައިގެންނެވި ކަންކަމުގެ ތެރެއިން އެންމެބޮޑަށް ބޭނުންވާ ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ މަޝްވަރާ ކުރައްވައިގެން އެކަންކަން ހައްލުކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެކަމުގައި ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ނައިބު ރައީސް ވިދާޅުވީ، ވަކި ރަށެއް ބާކީ ނުކޮށް ހުރިހާ ރަށަކަށްވެސް ހަމަހަމަ އުސޫލުން ކަންކަން ކޮށްދިނުމަކީ މިސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒު ކަމަށެވެ.
މީގެ އިތުރުން މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ސްކޫލާއި ބެލެނިވެރިންނާ އަދި ކައުންސިލު ގުޅިގެން ސްކޫލު ކުދިންގެ ކިބައިގައި ރިވެތި އަޚްލާޤު އަށަގެންނެވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން މަސައްކަތްކޮށްދެއްވުމަށް އިލްތިމާސް ކުރައްވާފައެވެ.
ވަންދޫ އަކީ އާބާދީގައި 404 މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ.