ނިމިދިޔަ ސީޒަނުގައި ފްރާންސްގެ ޕީއެސްޖީއަށް ކުޅުމަށްފަހު އިޓަލީގެ ތަޖުރިބާކާރު ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން އެނބުރި އޭނާގެ ކުރީގެ ކްލަބު ޔުވެންޓަސް އަށް ބަދަލުވާން އެއްބަސްވެއްޖެއެވެ.

އުމުރުން 41 އަހަރުގެ ބުފޮން ޔުވެންޓަސް އަށް ބަދަލުވާނީ އެއް އަހަރުދުވަހުގެ މުއްދަތަށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. 

ޔުވެންޓަސްގައި ކާމިޔާބު 17 އަހަރު ހޭދަކުރުމަށްފަހު، ނިމިދިޔަ ސީޒަނުގައި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއަށް ބަދަލުވީ ކެރިއަރުގައި މިހާތަނަށް ނުލިބި އޮތް ޔުއެފާ ޗެމްޕިއަންސް ލީގު ހޯދުމުގެ ނިޔަތުގައެވެ. ނަމަވެސް، އެ ކްލަބާއެކު ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި މެންޗެސްޓާ ޔުނައިޓެޑް އަތުން ބަލިވެ ހިތްދަތިކަމާއި ކުރިމަތިލާންޖެހުނުއިރު، ފްރެންޗް ކަޕްގެ ކުއާޓާ ފައިނަލުން ވެސް ޕީއެސްޖީ ވަނީ ކަޓާފައެވެ. އެކަމަކު، މިދިޔަ ސީޒަނުގައި ޕީއެސްޖީއާއެކު ބުފޮން ވަނީ ފްރެންޗް ލީގު ކާމިޔާބުކޮށްފައެވެ.

އޭނާ އެނބުރި ޔުވެންޓަސް އަށް ބަދަލުވަނީ އެ ޓީމުގެ ދެވަނަ ކީޕަރުގެ ގޮތުގައެވެ. މިހާރު އެ ޓީމުގެ ގޯލު ބަލަހައްޓަމުން އަންނަނީ ޕޮލެންޑްގެ ވޮޝިއެކް ޝެޒްނީ އެވެ.

ބުފޮން އެންމެ ފުރަތަމަ ޔުވެންޓަސް އަށް ބަދަލުވީ 2001 ވަނަ އަހަރުގައި އިޓަލީގެ ޕާމާ އިން އޭރުގެ ރެކޯޑް ފީ އަކަށެވެ. ޔުވެންޓަސްގައި ހޭދަކުރީ ދުވަސްވަރު އޭނާ ވަނީ 11 ފަހަރު އިޓާލިއަން ސެރިއޭ ކާމިޔާބުކޮށްފައެވެ. ނަމަވެސް، މެޗް ފިކްސް ކުރިކަން އެ ކްލަބުގެ މައްޗަށް ސާބިތުވުމުން އޭގެތެރެއިން ދެ ތަށި ވަނީ ފަހުން އަތުލާފައެވެ.

ބުފޮން ކެރިއަރުގައި 2006 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕް އިޓަލީއާއެކު ކާމިޔާބުކޮށްފައިވީނަމަވެސް، އޭނާ އަށް މިހާތަނަށް ޔޫރަޕްގެ ކްލަބު ފުޓްބޯޅައިގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވިފައެއްނުވެއެވެ.

އޭނާ ޔުވެންޓަސް އަށް އެންމެފަހުން ކުޅުނު ސީޒަނުގައިވެސް އިޓާލިއަން ލީގާއި ކަޕް ވެސް ކާމިޔާބުކުރިއެވެ. ނަމަވެސް، 2015 އާއި 2017 ދެމެދު ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ދެފަހަރު ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައިވެއެވެ. އޭގެކުރީން، 2003 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލުންވެސް ބަލިވެފައިވެއެވެ.

ފަހުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ކުރިއަށް އޮތް ސީޒަން ނިމުމުން ބުފޮން ކުޅުން ހުއްޓާލުމަށްފަހު ޔުވެންޓަސްގެ ޑިރެކްޓަރެއްގެ މަގާމާ ހަވާލުވުމަށް ވަނީ ހަމަޖެހިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *