ޖިނާއީ ތަހުގީގުތަކަށް އެއްބާރުލުން ދިނުމަށް އިންޑިއާޔާ އެކު ރާއްޖެއިން ހަދާ މުއާހަދާޔަށް ރުހުން ދިނުމަށް މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއިން ނިންމައިފިއެވެ.
އިންޑިއާއާއެކު ކުށްވެރިން ބަދަލުކޮށް ގުޅިގެން ތަހުގީގު ކުރުމުގެ އެއްބަސްވުމެއް ގާއިމު ކުރަން ސަރުކާރުގެ ކެބިނެޓުން ނިންމާ ރައްޔިތުންގެ މަޖިލީހަށް ފޮނުވީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ.
ގާނޫނު އަސާސީގައި ބުނާގޮތުން ރާއްޖެއިން ބައިވެރިވާ ބައިނަލްއަގުވާމީ މުއާހަދާތަކުގެ މައްޗަށް އަމަލުކުރަންވާނީ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެ މަޖިލީހުން ފާސްކުރުމަށްފަހު، މަޖިލީހުން ނިންމާގޮތެއްގެ މަތިންނެވެ.
މި މުއާހަދާ ދިރާސާކުރުމަށް ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ވަނީ މީގެ ކުރިން 10 ދުވަހުގެ މުއްދަތެއް ކަނޑައަޅާފައެވެ. އަދި އެ މުއަދަތުގައި މުއާހަދާ ދިރާސާކުރުމަށް ތިން މެމްބަރުންގެ ސަބް ކޮމިޓީއެއްވެސް ނެގިއެވެ.
ވިލިމާލޭ މެމްބަރު އަހްމަދު އުޝާމް، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް އަދި މައްޗަންގޯޅި ދެކުު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމް ހިމެނިވަޑައިގެންނެވި އެ ސަބް ކޮމިޓީންވެސް ނިންމީ މުއާހަދާ އޮތް ގޮތަށް ފާސްކުރުމަށެވެ.