މި ޖުލައި މަހުގެ 19 އިން 29 އަށް މޮރިޝަސްގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޗަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ ފިރިހެނުންގެ ފުޓްބޯޅަ އިވެންޓުގައި ރާއްޖޭގެ ސީނިއާ ޓީމު ވާދަކުރާނެ ކަމަށް އެފްއޭއެމުން ބުނެފިއެވެ.

ޕީއެސްއެމްގެ ދިވެހި ފުޓްބޯޅަ ޝޯވ ގައި ވާހަކަދައްކަވަމުން އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު އިހުސާން އަބްދުލް ގަނީ (ސާންތި) ވިދާޅުވީ އެ ކުޅިވަރު މުބާރާތުގައި ވާދަކުރާ ފިރިހެން ފުޓްބޯޅަ ޓީމުގެ ލިސްޓު މިހާރު ފޮނުވާފައިވާއިރު، މި ފަހަރުގެ ޓީމުގައި މައިގަނޑުގޮތެއްގައި އެންމެފަހުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި ޓީމުގެ ސްކޮޑުގައި ތިބި ކުޅުންތެރިން ހިމަނާފައިވާނެކަމަށެވެ.

މީގެކުރީން، އެފްއޭއެމުން މި ކުޅުވަރު މުބާރާތަށް ފޮނުވުމަށް ނިންމާފައި އޮތީ ޒުވާން ޓީމެކެވެ. އެހެންނަމަވެސް، އެ ވިސްނުން ބަދަލުކުރަންޖެހުނީ މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ހޯދި ޓީމުގައި ގިނަ އަދަދަކަށް ޒުވާން ކުޅުންތެރިން ހިމެނިފައިވާތީވެ، ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ ހޯދައިދިނުމުގެ ގޮތުންނެވެ.

މި މަހު ފަށާ މި ފަހަރުގެ އައިއޯއަައިޖީގައި ރާއްޖެ ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން ރިޔޫނިއަން އާއި ރަނަރަޕް މެޔޯޓް އަދި ކޮމޮރޯސްއާ އެއް ގްރޫޕެއްގައެވެ. މި ފަހަރުގެ މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން އެންމެ ވަރުގަދަވާނެ ކަމަށް ބެލެވެނީ މިހާރު ކުރިއަށްދާ އެފްރިކާ ކަޕް އޮފް ނޭޝަންގައި މޮޅުކުޅުމެއް ދައްކަމުން އަންނަ މަޑަގަސްކަރައެވެ. އެ މުބާރާތުގައި އެންމެފަހުން ކުޅުނު މެޗުގައި ނައިޖީރިއާ އަތުން 2-0 އިން މޮޅުވެ އެ ޓީމު ވަނީ ފުރަތަމަ ފަހަރަށް ދެވަނަ ބުރުން ޖާގަ ހޯދާފައެވެ.

އައިއޯއައިޖީގައި ފިރިހެން ފުޓްބޯޅަ ޓީމު ވާދަކުރުމުން، ކުރިއަށް އޮތް ވޯލްޑްކަޕް ކޮލިފައިން މެޗުތަކަށް ތައްޔާރުވުމަށް ރަނގަޅު ތަޖުރިބާއަކަށް ވެގެންދާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *