ކްރިސްޓަލް ޕެލަސް އަށް ކުޅެމުން އަންނަ އައިވަރީ ކޯސްޓްގެ ވިންގާ ވިލްފްރައިޑް ޒާހާ ހޯދުމަށްޓަކައި އާސެނަލުން 40 މިލިއަން ޕައުންޑް ހުށަހަޅައިފިކަމަށް ފަހުގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އުމުރުން 26 އަހަރުގެ ޒާހާ ވަނީ ޕެލަސް ދޫކޮށްލުމަށްފަހު އާސެނަލަށް ބަދަލުވާން ބޭނުންވާކަމަށް މީގެކުރީން ބުނެފައެވެ. ނަމަވެސް، އާސެނަލުން މިހާތަނަށް ހުށަހަޅާފައިވަނީ ޕެލަސް އިން އޭނާ ވިއްކާލަން ބޭނުންވާ އަގަށް ވުރެ ކުޑަ އަދަދެކެވެ.

ޕެލަސްގެ ޔޫތު ޓީމުން ވިދާލި ޒާހާ ވަނީ 2013 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެފައެވެ. ނަމަވެސް، އެ ޓީމުގައި މާ އެދެވޭ ކުޅުމެއް ދެއްކިފައިނުވާއިރު އެކި ފަހަރުމަތީން ވަނީ ލޯން އެއްބަސްވުމެއްގެ ދަށުން ޕެލަސް އަށާއި ކާޑިފް ސިޓީ އަށް ވެސް އޭނާ ވަނީ ކުޅެފައެވެ. އޭގެފަހުން، ޒާހާ ވަނީ 2015 ވަނަ އަހަރު ދާއިމީ އެއްބަސްވުމެއްގައި ޕެލަސް އަށް ބަދަލުވެ މިހާތަނަށް 300 އަށްވުރެ ގިނަ މެޗުގައި 50 އަށް ވުރެ ގިނަ ލަނޑުޖަހާފައިވެއެވެ.

ޕެލަސް އިން އޭނާ ވިއްކާލާނީ މަދުވެގެން 80 މިލިއަން ޕައުންޑްގެ އަގަކަށް ކަމަށް އިނގިރޭސި މިޑިއާ ރިޕޯޓްތައް ބުނެއެވެ. އެގޮތުން، ޒާހާ ވިއްކާލައިފިނަމަ އެ އަގުގެ 25 ޕަސެންޓް އޭނާގެ ކުރީގެ ކްލަބު މެންޗެސްޓާ ޔުނައިޓެޑަށްވެސް ދޭން ޖެހޭތީވެ، ޕެލަސް އިން މިހާރު ކިޔާ އަގު ކުޑަކުރާނެކަމަށް ނުބެލެވެއެވެ.

އެހެންނަމަވެސް، އާސެނަލްގެ ބޯޑުން މިފަހަރުގެ ޓްރާންސްފާ ބާޒަރުގައި ހަރަދުކުރުމަށް ދީފައިވަނީ ވަރަށް ކުޑަ ބަޖެޓަކަށްވާއިރު، އެ ކްލަބުން ޒާހާ ގަތުމަށް މިހާރު ހުށަހަޅާފައިވާ އަގު މާ ބޮޑު ތަން އިތުރުކުރާނެ ކަމަށް ނުބެލެވެއެވެ. މީގެއިތުރުން، އެ ކްލަބުގެ ބޯޑުން ނިންމާފައިވަނީ މިހާރު އެޓީމުގައި ތިބި ކުޅުންތެރިންގެ ތެރެއިން ބައެއް ކުޅުންތެރިން ވިއްކާލުމަށްފަހު ލިބޭ ފައިސާ އާ ކުޅުންތެރިން ގަތުމަށް ހޭދަކުރުމަށްކަމަށްވެސް ބައެއް ހަބަރުތައް ބުނެއެވެ.

އާސެނަލަށް މާލީގޮތުން މައްސަލަތައް ދިމާވީ، ވިދިވިދިގެން ތިންވަނަ ސީޒަނުގައި ލީގުގެ ގަދަ ހަތަރެއްގައި ނުހިމެނުމުންނެވެ. އެކަމުގެ ސަބަބުން އެ ޓީމަށް ޔުއެފާ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމުގެ ހުރިހާ ފުރުޞަތެއް ވަނީ ގެއްލިފައެވެ. މިދިޔަ ސީޒަނަށް އާސެނަލްގެ ކޯޗުގެ މަގާމާ ހަވާލުވި އުނާއި އެމެރީގެ އިރުޝާދުގެ ދަށުން އެ ޓީމު ޕްރިމިއާ ލީގުގެ ފަސްވަނައިގައި އޮވެ ނިންމާލިއިރު، ޔޫރޮޕާ ލީގުގެ ފައިނަލުގައި ވާދަވެރި ޗެލްސީ އަތުން 4-1 އިން ވަނީ ބަލިވެފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *