ފ.މަގޫދޫ ކައުންސިލް އިދާރާގެ ސެކިއުރިޓީ ގާޑު ބަނުމަށްފަހު އެ އިދާރާގެ ދޮރު ފަޅާލައިގެން ވަދެ ތިޖޫރި ވަގަށް ގެންދިޔަ މީހުން ހައްޔަރުކޮށްފައިވަނީ، ވަގަށް ނަގާފައިވާ ޑިންގީއެއްގައި ދަތުރުކުރަމުން ދަނިކޮށް ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، މަގޫދޫ ކަައުންސިލް އިދާރާގެ ތިޖޫރި ވަގަށް ނަގައިގެން ފުލުހުންގެ ހައްޔަރުގައި ތިބި ނުވަ މީހުންގެ ތެރެއިން ގިނަ މީހުންނަކީ މާލެއަށް ނިސްބަތްވާ މީހުން ކަމަށެވެ.
އަދި އެމީހުން އަތުލައިގަންއިރު، ތިބި ޑިންގީއަކީ އެމީހުން ކުރިން ވަގަށް ނަގާފައިވާ ޑިންގީއެއް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
އެ މައްސަލައިގަ ފުލުހުން ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ދެ މީހުން، 24 އަހަރުގެ ދެމީހުންނެވެ އޭގެ އިތުރުން 26 އަހަރުގެ މީހަކާއި، 32 އަހަރުގެ މީހަކާއި، 33 އަހަރުގެ މީހަކާއި، 36 އަހަރުގެ މީހަކާއި 38 އަހަރުގެ މީހަކު ވެސް ހައްޔަރު ކުރިއެވެ.
ހައްޔަރުކުރި އެންމެންގެ ބަންދަށް ކޯޓުން ވަނީ 5 ދުވަސް ޖަހައިދީފައެވެ.