އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފް ކުންފުނިން މަނީ ލޯންޑްރިންގެ ހަރަކާތްތަކަށް އެމްއެމްއޭގެ އިހުމާލަށް ޒިންމާ ނަގަން ޖެހެނީ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ވެރިޔާގެ މަގާމުގައި އޭރު ހުންނެވި އާތިފް ޝުކޫރު ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.
އޭސީސީން ކުރި ތަހުގީގަށްފަހު މިއަދު އާއްމުކުރި ރިޕޯޓުގައި ބުނެފައިވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ޖަމާކޮށްފައިވާ އެސްއޯއެފްއާ ގުޅޭގޮތުން ބީއެމްއެލްގެ ފަރާތުން އެފް.އައި.ޔޫއަށް 27 ނޮވެމްބަރ 2014ގައި ފޮނުވާފައިވާ އެސްޓީއާރު އެނަލައިޒް ކުރުމަށްފަހު، އެފް.އައި.ޔޫ އިން 31 ޑިސެމްބަރ 2014ގައި ތައްޔާރުކޮށްފައިވާ އެނަލިސިސް ރިޕޯޓްގައި މަނީ ލޯންޑަރިންގ އަށް ތުހުމަތު ކުރެވޭ ކަންތައްތަކެއް ހިނގާފައިވާކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
އޭސީސީގެ ތަހުގީގަށް އެފްއައިޔޫގެ އޭރުގެ ވެރިޔާ އިއުތިރާފްވެފައި ވަނީ އެ ރިޕޯޓް އެނަލައިޒް ކުރަމުންދިޔައިރުވެސް، އެސްއޯއެފްގެ އެކައުންޓް މެދުވެރިކޮށް ހިންގާފައިވާ މުއާމަލާތްތަކަކީ މަނީ ލޯންޑަރިންކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް އޭނާއަށް އެނގޭ ކަމަށެވެ.
އޭސީސީން ބުނި ގޮތުގައި، އެ ރިޕޯޓް ފައިލް ކުރީ 06 އެޕްރީލް 2015ގަ އެވެ. ޑިސެމްބަރު 2014 އިން ޖޫން 2015 އަށް އެފްއައިޔޫގެ ވެރިޔަކަށް ހުންނެވީ، އާތިފް ޝަކޫރެވެ. އޭނާ، އޭގެ ފަހުން މަގާމުން އަމިއްލައަށް އިސްތިއުފާ ދެއްވިއެވެ.
އޭސީސީން ބުނީ އެ ނިންމުން ނިންމާފައިވަނީ އޭނާގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމަށްކަން ސާބިތުކުރެވޭވަރަށް ހެއްކާއި ޤަރީނާ ލިބިފައިވާ ކަމަށެވެ. އަދި، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނުގެ 25 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން މި މައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވޭ މައްސަލައެއްކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.
އެ މައްސަލާގައި އެފް.އައި.ޔޫގެ އޭރުގެ ވެރިޔާ އާތިފް ޝަކޫރުގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިފަރާތަކަށް ނާޒާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާ ކޮށްދިނުމަށް އެދި މި މައްސަލަ 18 ފެބްރުވަރީ 2019ގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް އޭސީސީން ބުނެއެވެ.