އަހަރުމެން އިންސާނުންނަކީ އެހެން މަހުލޫގުންތަކަށްވުރެ މާތްކޮށް މަތިވެރިކޮށްފައިވާ ބައެކެވެ. ވިސްނާ ފިކުރުކުމުގެ ބާރު ވަނީ އަހަރެމެން އެންމެނަށްވެސް އެކި ފެންވަރަށް ދެއްވާފައެވެ. ވިސްނާ ފިކުރުކޮށްގެން ލިބޭ ޢިލްމާއި، ދުނިޔަވީ ހަޔާތުން ލިބޭ ހިލްމާއެކު އަހަރުމެންވެސް މިދަނީ ދުވަހެއް ދުވަހަކަށް ކުރިއަރަމުންނެވެ. ސައިންސާއި ޓެކްނޮލޮޖީގެ ގޮތުންނެވެ. އިޖުތިމާޢި ގޮތުންނާއި، އިގުތިސާދީ ގޮތުންނެވެ. އަހަރުމެން މިދަނީ ދުވަހެއް ދުވަހަކަށް ތަރައްޤީވަމުންނެވެ.
ވިސްނުމާއި ބުއްދީގެ ޢިލުމުން ތަރައްޤިވާން އަހަރެމެން މަސައްކަތް ކުރާއިރު، ވަށައިގެން ވާ މާހައުލަކަށް ނުބެލެއެވެ. އެ މާހައުލުގައި ދިރިއުޅޭ މަހުލޫގުންނަށް އެއްވެސް ބެލުމެއްނެތި އަހަރުމެން މިއަށްގެން ކުރިއަރާ ނިމެނީއެވެ. އުސް އިމާރާތްތައް އައިސް ވަށާލައިފިއެވެ. ވެހިކަލްތަކުން މުޅި ދުނިޔެ މިވަނީ ފުރިބާރުވެފައެވެ. އަހަރެމެންގެ ޢަމަލުތަކުގެ ސަބަބުން މުޅި ވެއްޓަށާއި އެ ވެށީގެ ހިޔަލުގައި ދިރިއުޅޭ ދޫނި ސޫފާ ސޫއްޕަށްވެސް އަސަރު ކުރާނެކަމަކަށް އަހަރުމެން ނުދެކެމެވެ.
އަހަރެމެންގެ އާންމު ދިރިއުޅުން ހުންނަ ގޮތް ކިޔާލަމާހެއްޔެވެ. ހުސްދަޅު އެއްލާލަނީ މޫދަށް ނުވަތަ މަގުމައްޗަށެވެ. ސިނގިރޭޓް ފިލްޓްރު ބުރި ވެސް ހަމަ އެފަދައެވެ. އެ ފަހަރަކު ޖެހުނު ދިމާއަކަށް އެއްލާލާއިރު، ދެންވާނީ ކިހިނެތްތޯ ބަލާލީ ކާކު ހެއްޔެވެ. ކަނޑުގައި ދިރިއުޅޭ މަހުލޫގުންނަށް އެ ދަޅު ނުވަތަ އެއްްލާލާ ޕްލާސްޓިކް ކޮތަޅުގެ އަސަރުކޮށް މަރުވަނީއެވެ. ވެލާ ކަހަނބު ފަދަ ދިރޭ ތަކެތީގެ ބޮލުގައި އެ ކޮތަޅު އެޅި މަރުވަނީއެވެ. ބާނާ މަސްތައް ކަނޑާއިރު އޭގެ ބަނޑުތެރޭގައިވެސް ޕްލާސްޓިކެވެ.
މި ފަހަރު މި ފެނުނީ އަނެއްކާވެސް ހިތްދަތި މިސާލެކެވެ. ފޮޓޯ ގްރާފަރަކު ނަގާފައިވާ ފޮޓޯ ފެނުމުން ދެލޮލުން ކަރުނަ އާދެއެވެ. މަންމަ ދޫނި އެ މަންމަގެ ލޯބިލޯބި ފުއްގަނޑަށް ކާން ދިނުމުގެ ނިޔަތުގައި ސިނގިރޭޓް ފިލްޓަރ ބުރިއެއް ކާންދެނީއެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. އަހަރެމެން އިންސާނުންނަށް ބުއްދި ދެއްވާފައިވަނީ ނަމަކަށް ނޫނެވެ. އެހެން ނޫންނަމަ އަހަރެމެންގެ ދަރިންނަށްވެސް އަހަރެމެން ކާންދޭނީ ސިނގިރޭޓް ފިލްޓަރުބުރި ނޫން ހެއްޔެވެ.
އެ ދޫނި އެ ދޫނީގެ ދަރިފުޅުގެ ބަނޑުފުރާނާ މުއްތިކުރުމަށް އެ ދޫނި އަތްފުނާ އަޅަމުންދާ ދިމަދިމާގައި ފިލްޓަރު ބުރިއާއި ޕްލާސްޓިކު ފަދަ ތަކެތި ހުރުމުން އޭނގޭން ދޭހަވަނީ ކޮންކަމެއް ހެއްޔެވެ؟ މި ފޮޓޯއިން އެ ފެންނަނީ ހަމަ ޤައިމުވެސް އިންސާނުން ފެއިލްވެފައިވާ މަންޒަރެކެވެ.