ޔުއެފާ 21 އަހަރުން ދަށުން ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި އެންމެފަހުގެ ޗެމްޕިއަން ޖަރުމަންގެ މައްޗަށް 2-1 އިން ކުރިހޯދައި ސްޕެއިނުން ފަސްވަނަ ފަހަރަށް ތަށި އުފުލާލައިފިއެވެ.
މި ފަހަރު ހޯދި ތައްޓާއެކު ސްޕެއިން ވަނީ މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައިވާ އިޓަލިއާ އެއްވަރުކޮށްފައެވެ.
އުޑީންގެ ސްޓާޑިއާ ފްރިއުލީގައި ކުޅުނު މި މެޗުގެ ހަތްވަނަ މިނެޓުގައި ސްޕެއިނަށް ލީޑްނަގައިދިނީ ފަބިއަން ރުއިޒް އެވެ. މި ހާފުގައި އެ ޓީމަށް ގިނަ ފުރުޞަތުތަކެއްލިބިގެންދިޔައިރު، ޖަރުމަނަށް ލިބުނު ހަމައެކަނި ފުރުޞަތުތަކުގައި ލެވިން އޮޒްޓުނާލީ ޖޮނަތަން ޓާ އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތެއްނުވިއެވެ.
އެކަމަކު، ދެވަނަ ހާފުގައި ޖަރުމަންގެ ކުޅުން ރަނގަޅުކުރިއެވެ. އެހެންނަމަވެސް، އެ ޓީމަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންނުހިފުމުގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 69 ވަނަ މިނެޓުގައި ސްޕެއިނުގެ ލީޑް ވަނީ ފުޅާކޮށްފައެވެ. މިއީ އެ ޓީމުގެ ރުއިޒް ފޮނުވާލި ހަމަލާއެއް ޖަރުމަންގެ ގޯލްކީޕަރު އެލެގްޒެންޑާ ނޫބެލް އަތުގައި ޖެހިފައި ނިކުތް ވަގުތު ޑެނީ އޮލްމޯ ވަނީ އެ ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލައިފައެވެ.
އޭގެފަހުން، މެޗު ނިމެން ދެ މިނެޓަށްވެފައިވަނިކޮށް ޖަރުމަންގެ ނަދިއެމް އަމީރީ ކާމިޔާބުކުރި ގޯލުން ފަރަގު ކުޑަކުރިނަމަވެސް އެ ޓީމަށް އިތުރު ގޯލެއް ކާމިޔާބުކުރެވޭގޮތެއްނުވިއެވެ.
މި ފަހަރުގެ މުބާރާތުގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއަކަށް ހޮވުނު ޖަރުމަންގެ ލޫކާ ވަލްޑްސްމިޑް ވަނީ ހަތް ގޯލާއެކު މި މުބާރާތުގެ ރެކޯޑަކާ އެއްވަރުކޮށްފައެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސްޕެއިނުގެ ރުއިޒް އެވެ.
ސްޕެއިނުން ތަށި އުފުލާލިއިރު، އެ ޓީމުގައި ތިބި ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި، ރެއާލް މެޑްރިޑްގެ ޑެނީ ސެބަޔޯސް އާއި ޖެސޫސް ވަލޭހޯ އަދި ރެއާލް ސޮސިއެޑާޑްގެ މިކޭލް އޮޔަޒަބާލްގެ އިތުރުން ވެލެންސިއާގެ ކާލޮސް ސޮލެއާ އަދި ދާދިފަހުން ވިޔަރެއާލުން ވެސްޓްހޭމް ޔުނައިޓެޑަށް ބަދަލުވި ޕަބްލޯ ފޯނާލްސް ހިމެނެއެވެ.