މިހާރު ކުރިއަށްދާ ކްރިކެޓް ވޯލްޑްކަޕްގައި އިއްޔެ ކުޅުނު މެޗުގައި 31 ލަނޑުގެ ތަފާތަކުން އިންޑިއާ ބަލިކޮށް މުބާރާތް ބާއްވާ ގައުމު އިންގްލެންޑުން ސެމީ ފައިނަލްގެ އުއްމީދު ބޮޑުކޮށްފިއެވެ.

މިއީ 1992 ވަނަ އަހަރުގެ ކްރިކެޓް ވޯލްޑްކަޕްގެ ފަހުން، އެ މުބާރާތުގައި އިންޑިއާ އަތުން އިންގްލެންޑް މޮޅުވި ފުރަތަމަ ފަހަރެވެ. މީގެއިތުރުން، މިއީ މިފަހަރުގެ މުބާރާތުގައި އިންޑިއާ ބަލިވި ފުރަތަމަ މެޗެވެ.

އިއްޔެގެ ނަތީޖާއާއެކު، އިންގްލެންޑަށް ކުޅުނު 8 މެޗުން 10 ޕޮއިންޓް ލިބިފައިވާއިރު، އިންޑިއާ އޮތީ 11 ޕޮއިންޓާއެކު ދެވަނައިގައެވެ. ނިއު ޒީލެންޑަށް ވެސް މިއަދަދަށް ޕޮއިންޓް ލިބިފައިވާއިރު، އިންޑިއާ އަށް ކުރިލިބެނީ ނެޓް ރަން ރޭޓުންނެވެ. މިހާތަނަށް ސެމީން ޖާގަ ކަށަވަރުކޮށްފައިވަނީ، 14 ޕޮއިންޓާއެކު އެއްވަނައިގައި އުޅޭ އޮސްޓްރޭލިއާ އެވެ.

ބާމިންހަމްގައި އިއްޔެ ކުޅުނު މެޗުގެ ޓޮސް ދިމާވުމުން އިންގްލެންޑުން ކުޅެން އަރައި 50 އޯވަރުގެ ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން 337 ލަނޑުހެދިއެވެ. އެންމެ ރަނގަޅަށް ކުޅުނީ 109 ބޯޅައިން 111 ލަނޑުހެދި ޖޮނީ ބެއާސްޓޯ އާއި 54 ބޯޅައިން 79 ލަނޑުހެދި ބެން ސްޓޯކްސް އެވެ. އިންޑިއާ އިން އެންމެ ރަނގަޅަށް އުކި މުހައްމަދު ޝާމީ ފަސް ވިކެޓްނެގިއެވެ.

ޖަވާބުގައި ކުޅެން އެރި އިންޑިއާ އަށް 50 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން ހެދުނީ 306 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 102 ލަނޑުހެދި ރޯހިތު ޝަރުމާ އެވެ. މި އިނިންގްސްގައި އިންގްލެންޑުން އެންމެ ރަނގަޅަށް އުކި ލިއާމް ޕްލަންކެޓް ތިން ވިކެޓްނެގިއިރު، ކްރިސް ވޯކްސް ދެ ވިކެޓްނެގިއެވެ.

މި މުބާރާތުގައި މިއަދު ކުޅޭ މެޗުގައި ބައްދަލުކުރާނީ ވެސްޓް އިންޑީޒްއާ ސްރީ ލަންކާ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *