1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު، ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ ފަހަތުގައިވާ އިސް އެކަކު ކަމުގައިވާ ހާޖަރާގޭ ލުތުފީ ރާއްޖެ ނުގެނެވިގެން އުޅޭ މައްސަލައަކީ ގައުމީ މައްސަލައެއް ކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 14 ވަނަ ޖަލްސާއަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމު ޝަރީފު އުމަރު ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން، ސައީދު ވިދާޅުވީ ލުތުފީ ރާއްޖެ ނުގެނެވި ލަސްވާ މައްސަލައަކީ ވަކި ޕާޓީއަކާއި ނުވަތަ ވަކި ކުލައަކާއި ގުޅޭ މައްސަލައެއް ނޫން ކަމަށެވެ. އެބޭފުޅާ ވިދާޅުވީ އެއީ ހުރިހާ ދިވެހި ރައްޔިތުން ކަންބޮޑުވާ ގައުމީ މައްސަލައެއް ކަމަށެވެ.
މާވަށު ދާއިރާގެ މެމްބަރު ސައީދު އިތުރަށް ވިދާޅުވީ، ލުތުފީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގައި ދެ މަސް ދުވަސް ވަންދެން، ވީއައިޕީ ކޮޓަރިއެއްގައި ގެންގުޅޭ މައްސަލައަކީ ދިވެހިން ވަރަށް ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާއަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ކުއްލި މައްސަލައެއް ހުށަހެޅުއްވީ، ލުތުފީ ރާއްޖެ ގެނެވުން ލަސްވާތީ އެކަމާއި ގުޅުވައިގެންނެވެ.