ސްޕްރީމް ކޯޓުގެ ބެންޗު ހަތް ފަނޑިޔާރުންނަށް އިތުރު ކުރުމަށް ހުށަހަޅައިފިއެވެ.
ސްޕްރީމް ކޯޓުގެ ބެންޗު ހަތް ފަނޑިޔާރުންނަށް އިތުރު ކުރުމުގެ ބިލް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ، މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްއެވެ.
އަލީ އާޒިމް ވިދާޅުވީ، ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދަކީ ކުރިންވެސް އޮތް ގޮތަށް ހަތް ފަނޑިޔާރުންކަމުގައި ހަމަ ޖެއްސުމަށް ދިވެހި ރާއްޖޭގެ ކޯޓުތަކާއި ބެހޭ ޤާނޫނަށް އިސްލާހު ގެނެވުމަށް ހުށަހަޅައިފައިވާ ކަމަށެވެ.
މީގެ އިތުރުން އަލީ އާޒިމް ވިދާޅުވީ، ދިވެހި ރައްޔިތުންނަށް އިންސާފުވެރި ފަނޑިޔާރުގެއެއް ހޯދައިދިނުމަކީ އެޖެންޑާ 19ގެ އެންމެ މުހިންމު އެއް އަސާސް ކަމަށާއި، އިންސާފުވެރި ފަނޑިޔާރުގެއެއް ހޯދައި ދިނުމަށް މަޖިލީހުގެ ތެރެއިން ކުރަން ޖެހޭ ކަންތައްތައް އެމްޑީޕީން ކުރާނެ ކަމަށެވެ.