ސެކިއުރިޓީ ގާރޑް ބަނުމަށް ފަހު މަގޫދޫ ކައުންސިލް އިދާރާގެ ތިޖޫރި ފަޅާލައި އޭގައި ހުރި ފައިސާ ވަގަށް ނަގައިފިއެވެ.
ފުލުހުން ވިދާޅުވީ، ރޭ މެންދަމުން އަލިވެ 3:30 ހާއިރު، ފ. މަގޫދޫ ކައުންސިލް އިދާރާ ފަޅާލައި އެތަނުގެ ތެރެއަށް ވަދެ، އެއިދާރާގެ ތިޖޫރި ހަލާކުކޮށްލައިގެން ތިޖޫރީގައި ހުރި ފައިސާ ވަގަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އަދި މިހާތަނަށް ބެލި ބެލުމުން ކައުންސިލް އިދާރާ ފަޅާލައި، އެތަނުގެ ތިޖޫރީގައި ހުރި ފައިސާ ވަގަށް ނަގާފައިވަނީ އެއިދާރާގެ ސެކިއުރިޓީ ގާރޑް ބަނުމަށް ފަހު އެތަނުގެ ދޮރު ހަލާކުކޮށްލައިގެން ވަދެކަމަށް އެނގިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، ތިޖޫރީގައި ހުރީ މަދު އަދަދެއްގެ ފައިސާ ކަމަށް ކައުންސިލުން މައުލޫމާތު ދީފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.