ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ޑޭވިޑް ދަވަން ޑައިރެކްޓްކުރާ އަދި އޭނާގެ ދަރިފުޅު ވަރުން ދަވަން ލީޑް ރޯލުން ފެނިގެންދާ ފިލްމު "ކޫލީ ނަމްބަރު 1" މިއަންނަ އަހަރުގެ މެއި މަހުގެ 1 ގައި ރިލީޒް ކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.
އެ ފިލްމަކީ 1995 ވަނަ އަހަރު، ގޮވިންދާ އަދި ކަރިޝްމާ ކަޕޫރް ލީޑް ރޯލުން ފެނިގެންދިޔަ ފިލްމު "ކޫލީ ނަމްބަރު 1"ގެ ރިމޭކެކެވެ.
އެ ފިލްމުގައި މައިގަނޑު ގޮތެއްގައި ކިޔައިދޭނީ، ޒުވާން ދެ އަންހެން ކުދިންގެ ބައްޕައެއް އޭނާގެ ދަރިންނަށް މުއްސަނދި ފިރިއެއް ހޯދައިދިނުމަށް ކުރާ މަސައްކަތުގެ ވާހަކައެވެ. އެ ފިލްމުގައި އެއް ބަތަލާއެއްގެ ރޯލުން، ބޮލީވުޑަށް ވަރަށް ފަހުން ތައާރަފްވި ބަތަލާއެއް ކަމަށްވާ ސާރާ ހާން ފެނިގެންދާއިރު، ރިޕޯޓްތައް ބުނާ ގޮތުގައި، އެ ފިލްމުގައި ދެވަނަ އަންހެން ދަރީގެ ރޯލުން ފެނިގެންދާނީ ދިޝާ ޕަޓްނީއެވެ.
އެ ފިލްމުގެ ހާދިސާއަށް މާ ބޮޑު ތަފާތެއް ނުގެނައި ނަމަވެސް، "ކޫލީ ނަމްބަރު 1"ގެ ރިމޭކް ހަދާއިރު، ވީހާވެސް ބޮޑަށް މިޒަމާނާއި އެއްގޮތް ބަދަލުތަކެއް ގެންނާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
"ކޫލީ ނަމްބަރު 1"ގެ ޝޫޓިންތައް ފެށުމަށް ހަމަޖެހިފައިވަނީ މިއަންނަ އޯގަސްޓް މަހުގެ ފަސްވަނަ ދުވަހެވެ. ފުރަތަމަ ޝޫޓިންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބެންގްކޮކްގައެވެ. އަދި ދެން ހުރި ޝޫޓިންތައް ގޯއާގައި ކުރިއަށް ގެންދިއުމަށް އެ ފިލްމުގެ ޓީމުން ވަނީ ނިންމާފައެވެ.