ނިމިދިޔަ ސީޒަނުގައި ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ލިވަޕޫލްގެ ކުރިއަށް އޮތް ސީޒަނުގެ އަމާޒަކީ ޕްރިމިއާ ލީގު ތަށި ހޯދުންކަމަށް އެ ކްލަބުގެ ވެރިޔާ ޖޯން ހެންރީ ބުނެފިއެވެ.

ޕްރިމިއާ ލީގުގެ ނަމަށް އިނގިރޭސި ވިލާތުގެ ފުޓްބޯޅަ ލީގު ބަދަލުކުރި ފަހުން އެ ޓީމަށް އެ މުބާރާތް ކާމިޔާބުކުރެވިފައެއްނުވެއެވެ. އެގޮތުން، އެ ޓީމަށް އެންމެފަހުން ލީގު ކާމިޔާބުކުރެވިފައިވަނީ 1990 ވަނަ އަހަރުގައެވެ.

މިދިޔަ ސީޒަނުގައިވެސް މެންޗެސްޓާ ސިޓީ އާއެކު ވާދަވެރިކޮށް ފެނިގެންދިޔައިރު، އެންމެފަހު މެޗާއި ހަމައަށް ދިޔައިރު ވެސް ތަށި ކާމިޔާބުކުރާނެ ޓީމަށް ކަށަވަރުކުރެވިފައެއްނުވެއެވެ. އެގޮތުން، ސިޓީން ލީގު ޗެމްޕިއަންކަން ހޯދީ 98 ޕޮއިންޓާއެކު، ލިވަޕޫލަށްވުރެ އެންމެ ޕޮއިންޓެއް އިތުރަށް ހޯދައިގެންނެވެ. މީގެއިތުރުން، އެ ޓީމުން ލީގުގައި ބަލިވީ ހަމައެކަނި ސިޓީ އަތުންނެވެ.

ހެންރީ އިތުރަށް ބުނިގޮތުގައި، ލީގު ނުހޯދި މިހާރު ގާތްގަނޑަކަށް 30 އަހަރުވާން ކައިރިވެފައިވާއިރު، ކްލަބުގެ ސަޕޯޓަރުންނަށްޓަކައި ކޮންމެހެންވެސް އެ މުބާރާތް ކާމިޔާބުކުރަންޖެހޭކަމަށެވެ.

"އަހަރެން ދެކޭ ގޮތުގައި، ޔޫރަޕްގެ ތައްޓެއް ކާމިޔާބުކުރުމަކީ އިނގިރޭސި ޕްރިމިއާ ލީގު ހޯދުމަށްވުރެ ބޮޑު ކާމިޔާބީއެއް. އެހެނަސް ސަޕޯޓަރުންގެ ހިޔާލު މިކަމާ މުޅީން ތަފާތު." މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ހެންރީ ބުންޏެވެ.

"އަހަރެންނަށް ވިސްނޭގޮތުގައި ކުރިއަށް އޮތް ސީޒަނުގެ ޓާގެޓަކީ ލީގު ކާމިޔާބުކުރުން." ހެންރީ ބުންޏެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *