ރީޖަނަލް އެލަޔަންސް ފޯ ފޮސްޓަރިން ޔޫތު (ރަފީ) ޖަމިއްޔާއިން އިންތިޒާމުކޮށްގެން ކުރިޔަށްގެންދާ "ޔޫތު އޭޒް މިލީނިއަމް އެސެޓްސް ސީރީޒް" (ވައިމާސް)ގެ 2ވަނަ ޕްރޮގްރާމް، ނިންމާލައިފިއެވެ.
މި މަހުގެ 21،22 ހަފުތާ ބަންދުގައި ކުރިޔަށްގެންދިޔަ ވައިމާސްގެ ވަނަ ސީރީޒްއަށް ލިބުނު ތަރުހީބާއެކު، ހޮނިހިރު ދުވަހު ރަފީންވަނީ މި ސީރީޒްގެ 02ވަނަ ޕްރޮގްރާމް ކުރިޔަށް ގެންގޮސްފައެވެ. ހޮނިހިރު ދުވަހުގެ މެނދުރު 12އިން އިރުއޮއްސި 6 އަށް ކުރިަށް ގެންދިޔަ މި ޕްރޮގްރާމުގައި 75 ޒުވާނުން ވަނީ ބައިވެރިވެފައެވެ.
ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ ވައިމާސް ޕްރޮގްރާމަކީ ސިންގަޕޫރުގެ އެޑްސްޓަރ ގްލޯބަލްއާއި ގުޅިގެން ރަފީ ޖަމިއްޔާއިން 2016ވަނަ އަހަރު ތައާރަފުކޮށްފައިވާ ޕްރޮގްރާމެކެވެ. މި ފަހަރުގެ ޕްރޮގުރާމުގައި ސެޝަންތައް ނަންގަވައިދެއްވާފައިވަނީ ރަފީ ޖަމިއްޔާގެ ސިގްނޭޗަރ ސްޕީކަރެއްކަމުގައިވާ އިންސްޕެކްޓަރ އޮފް ޕޮލިސް ފާޠިމަތު ނަޝްވާއާއި، ސޭފް އެންޖީއޯގެ ރައީސް މުޙައްމަދު ރަޝީދުއެވެ. ދެ ބޭފުޅުންވެސް މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ، އަމިއްލަ ނަފުސު ކުރިއަރުވާ، މުޖުތަމަޢަށް ބޭނުންތެރި ފަރުދެއްގެ ގޮތުގައި ދިމހުރުމަށް ކުރެވިދާނެ ކަންކަމާއި އެގޮތުގައި ދެމިތިބުމަށް ގައިގާ ހަރުލައްވަން ޖެހޭ ސިފަތަކުގެ މައްޗަށެވެ.
ވައިމާސް ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ ޒުވާނުން އަހުލުވެރިކޮށް ބާރުވެރިކުރުންކަމަށް ރަފީ ޖަމިއްޔާއިން މައުލޫމާތުދެއެވެ. އަދި މުޅިން ހިލޭ ބައިވެރިވެވޭ މި ޕްރޮގްރާމު މެދުވެރިކޮށް މިހާތަނަށް 600އަށްވުރެ ގިނަ ޒުވާނުން ތަމްރީނު ހޯދާފައިވާކަމަށްވެސް އެ ޖަމިއްޔާއިން މައުލޫމާތުދެއެވެ.