މިމަހުގެ 24 ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް މެލޭޝިއާގައި ކުރިއަށް ދިޔަ ޓްރައި-ނޭޝަން ޓީ20 މުބާރާތުގެ ދެވަނަ ދިވެހިރާއްޖޭގެ ކްރިކެޓް ޓީމު ހޯދައިފިއެވެ.
މި މުބާރާތުގެ ދެވަނަ ރާއްޖެ އަށް ލިބުނީ ކުޅުނު ހަތަރު މެޗުން ހޯދީ ތިން ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައި އޮވެގެން ލީގު ނިންމާލައިގެންނެވެ. މެލޭޝިއާ އަށް ހަތް ޕޮއިންޓާއެެކު އެއްވަނަ ލިބުނުއިރު، ތައިލެންޑުން ނިންމާލީ އެންމެ ފުލުގައި އޮވެގެންނެވެ.
ރާއްޖެ ކުޅުނު ހަތަރު މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި މެލޭޝިއާ އަތުން ބަލިވިއިރު، ދެވަނަ މެޗުން ތައިލެންޑް އަތުން މޮޅުވިއެވެ. އަދި ތިންވަނަ މެޗުގައި މެލޭޝިއާއާ ދެކޮޅަށް ކުޅުނު މެޗު ވިއްސާރައިގެ ސަބަބުން ހުއްޓާލިއިރު، ފަހު މެޗުގައި އިއްޔެ ތައިލެންޑް އަތުން ބަލިވީ ފަސް ވިކެޓުންނެވެ.
އިއްޔެ ކުޅުނު މެޗުގައި ޓޮސް ދިމާވުމުން ތައިލެންޑް ޓީމުން ގަސްދުކުރީ ހޮވަން އަރާށެވެ. އެގޮތުން، ރާއްޖޭގެ ޓީމު ކުޅެން އަރައި 20 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 153 ލަނޑެވެ. ރާއްޖޭގެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ، ނުބައިނުވެ 35 ބޯޅައިން 56 ލަނޑުހެދި ސްރީ ލަންކާގެ ނިލަންތަ ކޫރޭ އާއި 38 ބޯޅައިން 53 ލަނޑުހެދި އާދަމް ނާސިފް އުމަރެވެ. މި އިނިންގްސްގައި ތައިލެންޑުން އެންމެ ރަނގަޅަށް އުކި ޑެނިއަލް ޖޭކޮބްސް ހަތަރު ވިކެޓްނެގިއެވެ.
ޖަވާބުގައި ކުޅެން އަރައި ތައިލެންޑުން މެޗު ކާމިޔާބުކުރީ ބާކީ ފަސް ބޯޅަ އޮއްވާ، ފަސް ކުޅުންތެރިން ނުބައިވެގެން 154 ލަނޑު ހަދައިގެންނެވެ. އެންމެ ރަނގަޅަށް ކުޅުނު ނަވީދު ޕަތާން ވަނީ 39 ބޯޅައިން 54 ލަނޑުހަދާފައެވެ. މީގެއިތުރުން، 19 ބޯޅައިން 38 ލަނޑުހެދި ޝަފީޤުލް ހައްޤުގެ ކުޅުން ފާހަގަކޮށްލެވެއެވެ. ރާއްޖޭގެ ޓީމުން އެންމެ ރަނގަޅަށް އުކި ނިލަންތަ ކޫރޭ އާއި އުމަރު އާދަމް ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓްނެގިއެވެ.
ރާއްޖޭގެ ޓީމުގައި ސްރީ ލަންކާގެ ޖުމްލަ ތިން ކުޅުންތެރިން ހިމެނެއެވެ. ކްރިކެޓްގެ ގަވާއިދުތައް އޮންނަ ގޮތުން، އެ ގައުމެއްގައި ދިރިއުޅޭތާ ތިން އަހަރުވެފައިވާ ބިދޭސީންނަށްވެސް އެ ގައުމެއްގެ ޓީމަށް ކުޅުމުގެ ފުރުޞަތުލިބެއެވެ.