1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު ދިވެހި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ ފަހަތުގައިވާ އިސް އެކަކު ކަމުގައިވާ ހާޖަރާގެ ލުތުފީ، ލަންކާގައި ފިލައިގެން އުޅެމުން ދިޔައިރު، ކުރިން ވެރިކަން ކުރި ސަރުކާރު ތަކުން އޭނާ ހޯދައިގެން ރާއްޖެއަށް ނުގެނައި މައްސަލަ ތަހްގީގު ކުރުމަށް ފުލުހުން ނިންމައިފިއެވެ.

ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، 2012 އާއި 2016 ވަނަ އަހަރާއި ދެމެދު، ތަފާތު އެކި ފަހަރުމަތިން ފުލުހުންގެ ރަސްމީ މަސައްކަތުގެ ތެރެއިން އޭނާ ފިލައިގެން އުޅުނު ތަންތަނާ ބެހޭ މައުލޫމާތު ޔަގީނާއިގާތަށް ލިބި، އެ މައުލޫމާތު ފުލުހުންގެ ކަމާއިގުޅުންހުރި އިސްވެރިންނާއި ހިއްސާކުރެވިފައިވާ ކަމަށެވެ. 

ކުރީގެ ވެރިކަމުގައި ފުލުހުންގެ އިސްކޮށް ތިބި ފަރާތްތަކަށް ލުތުފީ ހުރި ތަން ޔަގީނާއި ގާތަށް އެނގުމުން ވެސް އެއްވެސް ފިޔަވަޅެއް ނާޅައި ލުތުފީ ގެންނަ މަސައްކަތް ނުކުރި މައްސަލަ ތަހްގީގު ކުރަން ފަށާފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނީ މިދިޔަ މެއި މަހުން ފެށިގެން ލުތުފީ، އަމިއްލައަށް ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ހާޒިރުވެ އޭނާ އެނބުރި ރާއްޖެ އައިސް ހުކުމް ތަންފީޒުކުރަން ބޭނުންވާ ކަމަށް ބުނެފައިވާ ކަމަށެވެ. މިކަމާ ގުޅިގެން އެ ދުވަހުން ފެށިގެން ފޮރިން މިނިސްޓްރީއާއި ފުލުހުންނާ ގުޅިގެން އޭނާ ރާއްޖެ ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *