1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ ފަހަތުގައިވާ އިސް އެކަކު ކަމުގައިވާ ހާޖަރާގޭ ލުތުފީ ސްރީލަންކާއިން ރާއްޖެއަށް އަނބުރާ ގެނެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ލުތުފީ ގުޅިފައިވަނީ ދިވެހިން ވަރަށް ކަންބޮޑުވާ ކަމަކާއި ކަމަށާއި، އަދި އިރާދަކުރެއްވިއްޔާ ލުތުފީ ރާއްޖެ ގެނެވޭނެ ކަމަށެވެ.
މީގެކުރިންވެސް ދިވެހި ގައުމު ދޫކޮށް ފިލާފައިވާ މީހުން އަނބުރާ ރާއްޖެ ގެނެވުނީ މަދު ފަހަރެއްގައި ކަމަށް ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާާޅުވީ، ލަންކާއަކީ އދ.ގެ އެތަކެއް ޗާާޓަރުތަކެއްގައި ސޮއިކޮށްފައިވާ ފަރާތެއްކަމަށާއި ލުތުފީ އަމިއްލައަށް އެމްބަސީއާއި ހަވާލުވީ ސްރީލަންކާގައި ހިނގި އީސްޓަރ ސަންޑޭ ބޮމުގެ ހަމަލާތަކުގެ ދުވަސްވަރުގައި ކަމަށެވެ.
ލުތުފީ ރާއްޖެ ނުގެނެވިގެން އުޅޭ މައްސަލައިގަ ފުލުހުން ވިދާޅުވީ، ލުތުފީ އަނބުރާ ރާއްޖެ ނުގެނެވިގެން އުޅެނީ އޭނާ ގެނައުމަށް ސްރީލަންކާގެ ކަމާބެހޭ އިދާރާތަކުން ފުރިހަމަ ކުރަން ޖެހޭ ލިޔެކިޔުންތައް ފުރިހަމަ ކުރެވިފައިނުވާތީ ކަމަށެވެ.