ގައުމަތަކާއިއެކު ގުޅުންތައް އުފައްދާނީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކޮށް ރައްކާތެރިކުރެވޭނެގޮތަށް ކަމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އެމޭރެމުން ވާހަކަފުޅު ދެއްކެވީ، ސިންގަޕޫރަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، ސިންގަޕޫރުގައި ދިރިއުޅުއްވާ ދިވެހިންނާ މިއަދު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޞާލިހް ވިދާޅުވީ، ރާއްޖެއާއި ސިންގަޕޫރަކީ ވަރަށް ޒަމާންވީ ވަރަށް ގާތް އެކުވެރި ގުޅުމެއް އޮންނަ ދެ ގައުމުކަމަށާއި، އަދި ރާއްޖެ ތަރައްޤީކުރުމުގެ މަސައްކަތުގައި ސިންގަޕޫރުގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަމަށެވެ.

ރައީސް ޞާލިހް އިތުރަށް ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން ޚާރިޖީ ގުޅުންތައް އިތުރަށް ބަދަހިކޮށް، ގިނަ ޤައުމުތަކާ އެކު ގާތް ގުޅުންތަކެއް އުފައްދަން މަސައްކަތްތަކެއްކުރައްވަމުން ގެންދަވާ ކަމަށެވެ.

"މި ދެންނެވި މަސައްކަތުގެ ތެރެއިން، ކޮމަންވެލްތާ އަލުން ގުޅުމަށްޓަކައި ސަރުކާރުން ފުރިހަމަ ކުރަންޖެހޭ ކަންތައްތައް މިހާރު ވާނީ، ފުރިހަމަކޮށް ކޮމަންވެލްތަށް ހުށަހަޅާފައި. އިރާދަކުރެއްވިއްޔާ، ކޮމަންވެލްތުގެ މެންބަރުކަން އަނެއްކާ ވެސް ވަރަށް އަވަހަށް ރާއްޖެއަށް ލިބިގެންދާނެ. އޭރުން، އެ ޖަމާޢަތުގެ ޤައުމުތަކުން ކުރިން ލިބެމުން އައި އެހީތަކާއި އެހީތެރިކަން އަނެއްކާވެސް ލިބެން ފަށާނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިންނާ އެކު ގާތް ގުޅުމެއް އުފައްދަން، ދިވެހި އެމްބަސީން މިހާރު ވަރަށް މުހިންމު މަސައްކަތްތަކެއް ފަށާފައިވާކަން ހާމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެމްބަސީން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް އޮންލައިންކޮށް ދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ފަށާފައިވާކަން ހާމަކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *