ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ރޭ ކުޅުނު މެޗުގައި ޕެނަލްޓީ ޖަހައިގެން 5-4 އިން އުރުގުއޭ ބަލިކޮށް ޕެރޫ އެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
މިއީ 2011 ވަނަ އަހަރު އުރުގުއޭ އިން 15 ވަނަ ފަހަރަށް މި މުބާރާތް ކާމިޔާބުކުރި ފަހުން، ސެމީ އަށް ނުގޮސް ވިދިވިދިގެން ކެޓި ތިންވަނަ ފަހަރެވެ.
ސަލްވަޑޯގެ ފޮންޓޭ ނޯވާ އެރީނާގައި ކުޅުނު މެޗުގެ ގިނަ ވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތައް އުފެއްދީ އުރުގުއޭ އިންނެވެ.
އެގޮތުން، ފުރަތަމަ ހާފުގައި އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް އާއި އެޑިންސަން ކަވާނީ އަށް ވަނީ ލަނޑުޖެހުމަށް ރަނގަޅު ފުރުޞަތުތަކެއް ލިބި ބޭކާރުވެފައެވެ. މެޗުގެ 37 ވަނަ މިނެޓުގައި ކަވާނީ ފޮނުވާލި ބޯޅަ ޕެރޫގެ ގޯލްކީޕަރު ޕެޑްރޯ ގަލެސޭ މަތަކުރިއިރު، ސުއަރޭޒް ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ.
މުޅި މެޗުގައިވެސް ޕެރޫގެ ފަރާތުން އުރުގުއޭގެ ގޯލަށް އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައިނުވާއިރު، ދެވަނަ ހާފުގައި އުރުގުއޭ އިން ވަނީ ގިނަ ފުރުޞަތުތަކެއް ތަނަވަސްކޮށްފައެވެ.
ނަމަވެސް، މި ހާފުގައި އެ ޓީމުގެ ފެޑެރީކޯ ވަލްވާޑޭ އާއި ކަވާނީ ފޮނުވާލި ހަމަލާތަައް ޕެރޫގެ ކީޕަރު ގަލެސޭ މަތަކުރިއެވެ. އޭގެފަހުން، ޖިއޯޖިއަން އަރަސްކައޭޓާ އާއި މާޓިން ކަސެރެސް އަދި ލޫކަސް ޓޮރޭރާ ފޮނުވާލި ހަމަލާތައް ގޯލަށް އަމާޒުވާގޮތެއްނުވިއެވެ.
މީގެއިތުރުން، މި މެޗުގައި އުރުގުއޭގެ ކަވާނީ އާއި ސުއަރޭޒް އަދި އަރަސްކައޭޓާ ކާމިޔާބުކުރި ގޯލްތައް ރެފްރީ ވަނީ އޮފްސައިޑްކަމަށް ނިންމައި ގަބޫލުނުކޮށްފައެވެ.
މެޗުގެ ފުރިހަމަ ވަގުތުހަމަވިއިރު ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޝޫޓްއައުޓްގައެވެ.
އެގޮތުން، ރޭގެ މެޗުގައި އުރުގުއޭ އިން ފޮނުވާލި ފަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ކާމިޔާބުކުރިއެވެ. އެ ޓީމުގެ ފުރަތަމަ ޕެނަލްޓީ ސުއަރޭޒް ފޮނުވާލުމުން ޕެރޫގެ ކީޕަރު ގަލެސޭ މަތަކުރިއިރު، ކަވާނީ އާއި ކްރިސްތިއަން ސްޓުއާނީ އަދި ރޮޑްރިގޯ ބެންޓަންކޫރްގެ އިތުރުން ޓޮރޭރާ ވަނީ ޕެނަލްޓީ ކާމިޔާބުކޮށްފައެވެ.
ޕެރޫން ޖެހި ފަސް ޕެނަލްޓީ ވެސް ކާމިޔާބުކުރިއެވެ. އެ ޓީމުގެ ޕެނަލްޓީތައް ޖަހައިދިނީ، ޕައޮލޯ ގަރޭރޯ އާއި މާރިއޯ ރުއިޑިއާޒް އަދި ޔޮޝިމް ޔޮޓުންގެ އިތުރުން ލުއިސް އެޑްވިންކޫލާ އާއި އެޑިސަން ފްލޮރެސް އެވެ.
އަންނަ ބުދަ ދުވަހު ކުޅެވޭ ސެމީގެ ފުރަތަމަ މެޗުގައި، ރާއްޖޭގަޑިން ފަތިހު 05:30 ގައި ބްރެޒިލްއާ ދެކޮޅަށް އާޖެންޓީނާ ނިކުންނައިރު، ދެވަނަ މެޗުގައި ބުރާސްފަތި ދުވަހުގެ ހަމަ އެގަޑީގައި ޕެރޫ ނިކުންނާނީ ޗިލީއާ ދެކޮޅަށެވެ.