ޖަލުގައި ހުރި ގައިދީއަކު ދޫކޮށްލި މައްސަލާގައި ސަސްޕެންޑް ކުރި ޖަލު އޮފިސަރު އަލުން ވަޒީފާއަށް ނުކުމެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މައާފު ނުދެއްވާ ގައިދީއަކު މިނިވަން ކުރި މައްސަލައިގައި ސަސްޕެންޑް ކޮށްފައި ވަނީ ކުށްވެރިން ދޫކުރުމަށް ޗިޓް ހަދާ ކަރެކްޝަންސްގެ އޮފިސަރެކެވެ.
މިދިޔަ މަހުގެ 23 ވަނަ ދުވަހު ޖަލުން ދޫކޮށްލާފައި ވަނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ މައްސަލައެއްގައި 25 އަހަރަށް ޖަލަށް ލާފައިވާ މީހެކެވެ. ނަމަވެސް އޭނާ ވަނީ ފަހުން ހައްޔަރު ކޮށްފަ އެވެ.
ކަރެކްޝަނަލް ސާވިސްގެ ގަވާއިދު ބުނާ ގޮތުން މުއައްޒަފަކު އެންމެ ގިނަވެގެން ސަސްޕެންޑް ކޮށްފައި ބެހެއްޓޭނީ 21 ދުވަސް ވަންދެންނެވެ. އެގޮތުން އެމުއްދަތު ހަމަވުމުން މިދިޔަ ބުރާސްފަތި ދުވަހު އޭނާ އަލުން ވަޒީފާއަށް ނުކުމެފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވަނީ ބުނެފައެވެ.
އޭނާ ވަޒީފާއަށް ނުކުތް ނަމަވެސް އެމައްސަލަ މިހާރުވެސް ތަހުގީގް ކުރަމުންދާ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.
ކަރެކްޝަންސްގެ ހެޑް އޮފީހުގައި މަސައްކަތް ކުރަމުން ދަނިކޮށް ސަސްޕެންޑް ކުރި އޮފިސަރު އަލުން ވަޒީފާ އަށް ނެރެފައިވަނީ މާލޭ ޖަލަށެވެ. ވަޒީފާއަށް ނެރުނު ކަމުގައިވީނަމަވެސް، އޭނާގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ކަރެލްޝަނަލް ސާވިސްއިން ވަނީ ބުނެފައެވެ.