ލ.ފޮނަދޫއިން ކައްދޫއަށް ދިޔަ މަގުމަތީގައި ކޯޒްވޭގައި މަޑުކޮށްގެން އިން ސައިކަލެއްގައި ފަހަތުން ދުއްވާފައި އައި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
މީޑިިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، އެ އެކްސިޑެންޓްގެ ރިޕޯޓް ފުލުހަށް ލިބުނީ މިއަދު ހެނދުނު 7:50 ހާއިރު ކަމަށެވެ.
އެ އެކްސިޑެންޓްގައި ކޯޒްވޭގައި މަޑުކޮށްގެން އިން ސައިކަލް ދުއްވަން އިނީ 62 އަހަރުގެ ފިރެހެނެއް ކަމަށާއި އެމީހާގެ ފަހަތުގައި އިނީ 58 އަހަރުގެ ފިރެހެނެއް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. ފަހަތުން އައިސް ޖެއްސި ސައިކަލް ދުއްވަން އިނީ 57 އަހަރުގެ ފިރެހެނެކެވެ.
އެ އެކްސިޑެންޓްގައި އެ ތިން މީހުންނަށް ވެސް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. ފުލުހުން ވިދާޅުވީ މިހާރު އެ ތިން މީހުންނަށް ދަނީ ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށެވެ.
ފުލުހުން ދަނީ މިހާރު އެމައްސަލަ އިތުރަށް ތަހްގީގު ކުރަމުންނެވެ.