ލ.ފޮނަދޫގައި ދުއްވާފައި ދިޔަ ކާރެއް، ކޯޒްވޭގައި ހުންނަ ބްލޮކްސް ތަކެއްގައި ޖެހި ފުރޮޅި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، ކައްދޫއިން ފޮނަދޫއަށް އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ކާރެއް ކޯޒްވޭގެ އިރުމަތީ ފަރާތުގައި ޖަހާފައި ހުންނަ ބްލޮކްސްތަކުގައި ޖެހި އެކްސިޑެންޓްވެ، ފްރޮޅާލައިގެން 300 އެއްހާ ފޫޓް ދުރަށް ގޮސްފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ، އެ އެކްސިޑެންޓްގެ ރިޕޯޓް ފުލުހަށް ލިބުނީ މިއަދު ހެނދުނު 6:25 ހާއިރު ކަމަށާއި، އެކްސިޑެންޓްވި އިރު ކާރު ދުއްވަން އިނީ ލައިސެންސް އޮންނަ 25 އަހަރުގެ ދިވެހި ފިރެހެނެއް ކަމަށެވެ.
އެ އެކްސިޑެންޓް ހިނގިއިރު ކާރުގައި ޑްރައިވަރުގެ އިތުރުން ދެމީހަކު ތިބި ކަމަށާއި ނަމަވެސް އެއްވެސް މީހަކަށް އެއްވެސް އަނިޔާއެއް ނުލިބޭ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް އެ ކާރަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
ފުލުހުން ދަނީ މިހާރު އެހާދިސާ އިތުރަށް ތަހްގީގު ކުރަމުންނެވެ.