ޒަމާން މިވަނީ ބަދަލުވެފައެވެ. އަޅުގަނޑުމެން މިއަދު ގުނަމުން މިދަނީ 21 ވަނަ ގަރުނުގެ ދުވަސްތަކެވެ. ދުނިޔެ މިއަދު ތަޖުރިބާ ކުރަމުން މިދަނީ މީގެ ކުރިން ދުވަހަކުވެސް ނުދެކޭ ފަދަ އަދި ތަޖުރިބާ ނުކުރާ ތަރައްގީ އާއި ތަހްޒީބުގެ ކުލަތަކެކެވެ. ދުނިޔެ ކުރިއަރައިގެންދާލެއް ބޮޑު ކަމުން މިއަދު ދުނިޔެ މިވަނީ އަޅުގަނޑުމެންގެ އަތުގެ މުށުތެރެއަށް ލެވޭހާ ކުޑަތަނަކަށް ވެފައެވެ. ޓެކްނޮލޮޖީގެ އައު އުފެއްދުންތަކުގެ ސަބަބުން ދުނިޔެއަށް މިއަދު މިވަނީ ބޮޑު އިންގިލާބެއް ގެނުވާފައެވެ.
ޝައްކެއްނެތް ގޮތުގައި، އެއްވެސް މީހަކު ދެބަސް ނުވާނެ ހަގީގަތަކީ، ދުނިޔެ މިހާތަނަށް ދުށް އިޖާދުތަކުގެ ތެރެއިން، މޯބައިލް ފޯނަކީ އަޅުގަނޑުމެން އެންމެންގެ ދިރިއުޅުން ބަދަލުކޮށްލި އިޖާދެކެވެ. ހަގީގަތުގައި މޯބައިލް ފޯނުގެ ސަބަބުން މިއަދު އަޅުގަނޑުމެންގެ ދިިރިއުޅުމަށް މިވަނީ ހީނުކުރާ ފަދަ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. މޯބައިލް ފޯނުގެ ޖާދުލުން އެންމެންގެ ހިތްތައް ހިސޯރުކޮށްފިއެވެ. ހިތާމައަކީ އެކަމުގައި ވަކި އުމުރެއްގެ މީހެއް ވަކި ނުވާތީއެވެ. އެންމެ ކުޑަކުއްޖާއިން ފެށިގެން އެންމެ ދުވަސްވީ މީހާވެސް މިއަދު މިވަނީ މޯބައިލް ފޯނުގެ އަވާގައި ޖެހިފައެވެ.
އަޅުގަނޑުމެން ތައުލީމް ހާސިލުކުރި ޒަމާނާއި މިއަދާއި ވަރަށް ބޮޑެތި ތަފާތުތަކެއް އެބަހުއްޓެވެ. އެދުވަސްވަރު އަޅުގަނޑުމެންނަށް ފޯނެއްގައި އަތްލަން ހާލަކުން ލިބޭއިރު، ލޮލުކޮޅަށް ފޯނެއް ފެންނާނީވެސް މަދު ފަހަރަކުއެވެ. ނަމަވެސް މިއަދު ގްރޭޑް 1 ގައި ކިޔަވަމުންދާ ކުއްޖާ އަތުގައި ވެސް ސްމާޓް ފޯނެއް އޮންނާނެއެވެ. ފަހަރެއްގައި މި ޖީލުގެ ކުދިންގެ ވިސްނުން އެހާ ކޮށީ އެ ސަބަބާއި ހެދި ހުރެ ކަމަށް ވެދާނެއެވެ. މިއަދު ކިޔަވާ ކުދިން، ފިލާވަޅު ދަސްކޮށް، ކިޔެވުމުގައި ވަގުތު ހޭދަކުރާ މިންވަރަށް ވުރެ ގިނައިން ވަގުތު ހޭދަކުރާނީ ސްމާޓް ފޯނުން އެކި ގޭމްތައް ކުޅެ މީހުންނާއި ޗެޓް ކުރުން ފަދަ ބޭކާރު ކަންކަން ކުރުމުގައެވެ. އިމްތިހާނު ބޯމަތި ވިޔަސް އެކުދިންނަށް ރޭކާއެއް ނުލާނެއެވެ. ގިނަ ކުދިންނަށް ފޯނުން އަތް ދޫކޮށްލާފައި ފޮތެއްގައި އަތްލަން ހަނދާންވާއިރު ހުންނަނީ ވަގުތު ފާއިތުވެފައެވެ.
ހަމައެކަނި ކިޔަވާ ކުދިންނެއް ނޫނެވެ. މަގު މައްޗަށް ނިކުމެ ސަކަރާތް ޖަހައި ބަތްކައްކާ ކުޅެ ހަދާ އުމުރުގެ ކުދިންވެސް މިއަދު މި ފެންނަނީ އެކުދިންގެ އަތަށް ނުކަތާވަރުގެ ސްމާޓް ފޯނެއް ހިފައިގެން ކޮންމެވެސް ގޭމެއް ކުޅެން އިންނަ މަންޒަރެވެ. ކުއްޖާ ދުނިޔެއަށް ލޯހުޅުވާލާފައި އެއް ދުވަސް ނުވަނީސް މިހާރު އެކުއްޖާއަށް ހާއްސަ ސްމާޓް ފޯނެއް އޮންނާނޭ ދެންނެވުމަކީ މުޅި ދޮގެއް ނޫނެވެ. އަޅުގަނޑުމެން ތަހްޒީބު ވިލެން ބޮޑުކަމުން މިއަދު މިވަނީ އިންތައް ފަހަނަ އަޅައިދާ ހިސާބަށް ކަންތައްތައް ގޮސްފައެވެ.
ހިތާމަހުއްޓެވެ. މިއަދު ބައްޕަ ވަޒީފާގައި ބުރަކޮށް އުޅެފައި އައިސް އަނބިދަރިންނާއި އާއިލާއާއިއެކު ވަގުތު ހޭދަކުރުމުގެ ބަދަލުގައި، އޮންނާނީ ފޯނާއި ކުޅެންށެވެ. މީގެ ނަތީޖާއަކަށް ވަނީ ދަރިންނާއި މައިންބަފައިންނާއި ދެމެދު އޮންނަ ޖެހޭ ގުޅުން ހީނަރުވެ ގުޅުން ބަދަހި ނުވުމެވެ. އާއިލާ ތެރޭ ބީރައްޓެހި ކަން އުފަންވުމެވެ. ކޮންމެ ދަރިއަކަށްވެސް އެކުއްޖެއްގެ މައިންބަފައިންގެ ވަގުތަކީ ވަރަށް މުހިންމު އަދި ބޭނުންތެރި އެއްޗެކެވެ. ނަމަވެސް ސްމާޓް ފޯނުގެ އަވާގައި ޖެހިގެން މިއަދު ބެލެނިވެރިންނަށް އެމީހުންގެ އަމިއްލަ ދަރިންނަށް ވަގުތު ދެވޭ ކަމަކަށް ނުވެއެވެ. ބައްޕަ ނުވަތަ މަންމަ ވެސް ހުސް ވަގުތެއް ލިބޭއިރަށް ކުރާނެ ކަމަކީ ކޮންމެވެސް ވައިބަރ ގުރޭޕެއްގައި ކޫސަނި އަނގައެއް ތެޅުން ނުވަތަ ފޭސްބުކް ހާވާނީއެވެ. ސްމާޓް ފޯނަށް ގެއްލިފައި ތިބޭލެން ބޮޑުކަމުން، ގިނަ ފަހަރަށް ދަރިފުޅު ގޮވާ ގޮވާ ވަރުބަލި ވާއިރު އަޑުއިވޭ ކަމަކަށް ނުވެއެވެ.
ހަމައެކަނި އާއިލީ ގުޅުން ހީނަރުވުން އެކަންޏެއް ނޫނެވެ. މިފަހަކަށް އައިސް ސްމާޓް ފޯނާއި ހެދި އެކުވެރިންގެ މެދުގައި އޮންނަ ޖެހޭ ގުޅުން އަދި މުޖުތަމައުގައި ދިރިއުޅޭ މީހުންގެ މެދުގައި އޮންނަން ޖެހޭ ގާތް ގުޅުމެއް ވެސް ނޯވެއެވެ. ވާނީވެސް އެހެން ނުން ތޯއެވެ. ކޮންމެ މީހަކުވެސް މިއިންނަނީ ފޯނު ހިފައިގެން ކޮންމެވެސް ބިތަކަށް ޖެހިފައެވެ. އެކުވެރިން ގިނަ ދުވަސްކޮށްފައި ދީމާވިއަސް މޯބައިލް ފޯނު އަތުން ނުނައްޓާނެއެވެ. މޯބައިލް ފޯނު މިއަދު އަޅުގަނޑުމެންނަށް ޒަރޫރީ އެއާއި ނުލައި ނޫޅެވޭނެ އެއްޗަކަށް ވެއްޖޭ ބުނުމަކީވެސް ދޮގެއް ނޫނެވެ.
އަޅުގަނޑުމެން މިހާރު ހޭއަރަން ވެއްޖެއެވެ. މޯބައިލް ފޯނުން އަތް ދޫކޮށްލުމަށް ފަހު ދިިރިއުޅުމައިގެން ކުރިއަށް ދާން ވެއްޖެއެވެ. އާއިލާއަށާއި އެކުވެރިންނަށް ވަގުތު ދޭން ފަށަން ވެއްޖެއެވެ. އަމިއްލައަށް ވިސްނިގެން، މޯބައިލް ފޯން އަޅުގަނޑުމެންގެ އަތުގައި އަޅުވާފައި މިވާ ކަސްތޮޅުތަކުން ސަލާމަތްވުމަށް މަަސައްކަތް ކުރަން ފަށަން ވެއްޖެއެވެ. އެހެން ނޫނީ ވަގުތު ފާއިތުވުމުން އަޅުގަނޑުމެން ޖެހޭނީ ރޯށެވެ. ކަރުނަ އަޅައި ރޯށެވެ.