ދިވެހިރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި، ބޭރުގެ އަސްކަރީ މަރުކަޒެއް ގާއިމުކުރުމުގެ ފުރުސަތެއް ނުދޭނެ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
މިއަދު އެމްއެންޑީއެފްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ، ރާއްޖޭގައި އަސްކަރީ ބޭސްއެއް ހަދަން ބޭރުގެ އެއްވެސް ބަޔަކަށް ދިނުމަށް ދިވެހި ސަރުކާރުން ނުވަތަ ދިވެހި އަސްކަރިއްޔާއިން ވެސް ބޭނުން ނުވާ ކަމަށެވެ.
ޝަމާލް އިތުރަށް ވިދާޅުވީ، ރާއްޖޭގައި އަސްކަރީ ބޭހެއް ގާއިމުކުރުމުގެ ފުރުސަތު ނުދިން ނަމަވެސް، އެހެން ގައުމުތަކާއި ގުޅިގެން އަސްކަރީ ގާބިލުކަން އިތުރު ކުރުމުގެ ވިސްނުން އަބަދުވެސް ގެންގުޅޭ ކަމަށާއި، އެގޮތުން ބޭރު ގައުމުތަކާއި އެކު ޓްރެއިނިންތައް ހިންގަމުން ގެންދާ ކަމަށެވެ.
ޝަމާލު މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގައި އިންޑިއާގެ އަސްކަރީ ބޭހެއް ހެދުމަށް މަސައްކަތް ކުރަމުންދާކަމަށް ރާއްޖޭގެ ސިޔާސީ އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތުކުރަމުންނެވެ.