ޒަމާންވީ ރައްޓެއްސަކާއި އެކު ކޮފީއަކަށް އަރާލީ ބައްދަލުނުވާތާ ގިނަ ދުވަސްވެފައި ވުމުންނާއި، އެކުވެރިކަން ބަދަހިކޮށްލުމަށެވެ. ކޮފީއަަށް އަރައި ހަމަޖެހިލުމަށް ފަހު މޯބައިލް ފޯނު އަތައް ހެޔޮވަރުކޮށްލައި އަހަންނަށް ފޮޓޯތަކެއް ދައްކާލިއެވެ. ސުބްހާނަﷲ އެވެ. ދިވެހި އަންހެން ކުއްޖެއް އެހުރީ ހެއްދެވި ގޮތަށް، ބަރަހަނާ ހާލުގައެވެ. އެފޮޓޯތަކާއި އެކު މަތީގައި ލިޔެފައިވާ ލިޔުންކޮޅަށް ނަޒަރު ހިންގާލީމެވެ. "ވަރަށް ހެޔޮ އަގުގައި އެންމެ ރެއަކަށް. ބޭނުންފުޅު ފަރާތްތަކުން އިންބޮކްސް ކުރައްވާ" މިހެން ލިޔެފައިވެއެވެ.
އަހަރެންގެ ރަހުމަތްތެރިޔާ އެ ފޮޓޯތަށް އަހަންނަށް ދެއްކީ"ތަމްބްލަރ" ކިޔާ އެޕްލިކޭޝަނަކުންނެވެ. އެހެންކަމުން މިއީ ކިހިނެތްވާ ކަމެއްތޯ ބަލާލާހިތްވިއެވެ. އަދި އެކަން ކުރާ ބަޔަކު އެކަން އެކުރަނީ ކޮން މަޤުސަދެއްގައިތޯ ބަލާލަން ބޭނުންވިއެވެ. އެހެންކަމުން ވަގުތުން "ތަމްބްލަރ" އެޕް ފޯނަށް އަޅައި އެކައުންޓެއް ހުޅުވައި އެ ފޮޓޯތަކުގެ ސްކްރީން ސޮޓަކާއި އެކު އޭގައިވާ ގޮތަށް މެސެޖު ކޮށްލީމެެވެ. އަދި އަހާލީމެވެ. އެންމެ ރެއަކަށް ވިއްޔާ ކިތައް ރުފިޔާއަށް ދެވޭނެތޯއެވެ. ވަގުތުން ޖަވާބު ލިބުނެވެ. އެންމެ ރެއަކަށްނަމަ 2،000 ރުފިޔާއެވެ. އަދި ރުފިޔާ ހަވާލު ކުރަން ކިހިނެތްތޯ ހަދަންވީ ބުނުމުން އެކައުންޓް ނަންބަރުވެސް ފޮނުވިއެވެ. ރުފިޔާ ޖަމާކޮށްދިނުމުން އަންހެން ކުއްޖާއާއި ބައްދަލުވާނެ ކަމަށް ބުންޏެވެ. އެހާހިސާބުން އެ ކޮންވަޒޭޝަން އަހަރެން މެދުކަނޑާލީމެވެ.
ހާސްވެ ކަންބޮޑުވެފައިވާ ހާލު އަހަރެންގެ އެކުވެރިޔާގެ މޫނަށް ބަލާލީމެވެ. އަދި ބޭއިހްތިޔާރުގައި ބުނެވުނެވެ. "މިއީވެސް ބަޔަކު ކުރާ ވިޔަފާރިވިއްޔާ އެވެ". ބައެއްގެ އަނބުރު އަންގާވެސް ނުލާ އެހެރެގެން ކަތިލަނީއެވެ. ނީލަމުގައި އެ އަންހެން ކުދިން ވިއްކާލަނީއެވެ. ބައެއްގެ ރޭވުންތެރި ހީލަތުގައެވެ. މަކަރުވެރިކަމުގެ ކެހިވެރި ދަލުގައެވެ. އެ ކުދިން ނީލަމަށް ލާފަ ޕޯސްޓެއް ދައުރުވަމުންދާކަން ހުދު އެ ކުދިންނަށްވެސް ނޭނގިއެވެ. ގިނަ ފަހަރަށް ހުންނަނީ މީސްމީޑިއާގެ އެކި ވިއުގަތަކަށް އަޕްލޯޑް ކޮށްފަ ހުންނަ ފޮޓޯތައް މި ވިޔަފާރީގައި ބޭނުން ކުރަމުންދާތަނެވެ.
ކޮންމެ ގޮތެއްވިޔަސް މިކަން މިކުރާ ބަޔަކު އެކުރަނީ ވަރަށް ދަށުދަރަޖައިގެ އަމަލެކެވެ. އަދި އެއީ އަދަބުދޭން ޖެހޭ ކުށެއްވެސް މެއެވެ. ނަމަވެސް އެވަރުން ފުއްދާލެވެން ނެތެވެ. އެއީ އެ ކުދިންގެ ފޮޓޯތަށް އެފަރާތްތަކަށް ދޭ ބަޔަކީ ހުދު އެ ކުދިންކަމުގައިވުމުންނެވެ. އިންސްޓަރގްރާމްގައްޔާއި، ސްނެޕްޗެޓްފަދަ ވިއުގަ ތަކުގައި ނިވާކަން ކުޑަ ގޮތްގޮތަށް ހުންނަ ފޮޓޯ ލުމުން އެ ފޮޓޯތަކުގެ ނާޖާއިޒް ބޭނުން ބަޔަކު ކުރަނީއެވެ. އަދި ނިވާކަން ކުޑަ ނޫނަސް ބައެއް ކުދިންގެ ފޮޓޯ ބޭނުން ކޮށްގެން ފައިސާ ހޯދަނީއެވެ. އެހުމެއް ކެހުމެއް ނެތި އެ ފޮޓޯތަށް ބޭނުން ކޮށްގެން ވިޔަފާރި ކުރަނީއެވެ. އާދެ، ދިވެހި އަންހެން ކުދިންނަށް ނޭނގި އެކުދިން ނީލަމުގައި ވިއްކާލަނީއެވެ.