މިހާރު ކުރިއަށްދާ ފީފާ ވިމެންސް ވޯލްޑްކަޕްގެ ކުއާޓާ ފައިނަލްގައި ރޭ ކުޅުނު މެޗުގައި އެންމެފަހުގެ ޗެމްޕިއަން އެމެރިކާ އަތުން 2-1 އިން ބަލިވެ މުބާރާތް ބާއްވާ ގައުމު ފްރާންސަށް ހިތްދަތިކަމާއި ކުރިމަތިލާންޖެހިއްޖެއެވެ.
ރޭގެ ނަތީޖާއާއެކު، މިއީ ފްރާންސްގެ އަންހެން ފުޓްބޯޅަ ޓީމުން ބޮޑު މުބާރާތެއްގެ ސެމީ އަށް ނުގޮސް ވިދިވިދިގެން ކެޓި ފަސްވަނަ ފަހަރެވެ. މީގެއިތުރުން، މިއީ އެމެރިކާ އިން ވޯލްޑްކަޕްގެ ސެމީ އަށް ވިދިވިދިގެން ދަތުރުކުރި 8 ވަނަ ފަހަރެވެ.
ޕެރިހުގެ ޕާކް ޑި ޕްރިންސަސްގައި ކުޅުނު މި މެޗު ފެށިގެން ފަސްވަނަ މިނެޓުގައި އެމެރިކާ އިން ވަނީ ލީޑްނަގާފައެވެ. މިއީ އެ ޓީމުގެ އެލެކްސް މޯގަން އަށް ފްރާންސްގެ ގްރިޖް އެމްބޮކް ބަތީ ކުރި ފައުލަކަށް ރެފްރީ ދިން ހިލޭޖެހުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން މޭގަން ރަޕީނޯ ކާމިޔާބުކުރި ގޯލެކެވެ. މި
މެޗުގެ ފުރަތަމަ ހާފުގައި ފްރާންސްގެ ފަރާތުން މާ އެދެވޭ ކުޅުމެއް ފެނިގެންގޮސްފައިނުވާއިރު، އެމެރިކާގެ ގޯލަށް އަމާޒުކޮށް ހަމަލާއެއް ފޮނުވާލެވިފައިވަނީ މެޗުގެ 63 ވަނަ މިނެޓުގައެވެ. މި ހާފުގައި ވެސް އެމެރިކާ އިން ގިނަ ފުރުޞަތުތަކެއް ތަނަވަސްކުރިއިރި، މުޅި މެޗަށް ބަލާއިރު އެންމެ ގިނަ ފުރުޞަތުތައް ތަނަވަސްކުރީ ފްރާންސެވެ.
މި މެޗުގައި އެމެރިކާ އިން ކާމިޔާބުކުރި ދެވަނަ ލަނޑު، ޖަހައިދިނީ މެޗުގެ 65 ވަނަ މިނެޓުގައި ރަޕީނޯ އެވެ. މިއީ އެ ޓީމުގެ އަވަސް އެޓޭކެއްގައި ޓޮބިން ހީތު އާއި އެލެކްސް މޯގަން ގުޅިގެން ތަނަވަސްކުރި ފުރުޞަތަކުން ރަޕީނޯ ކާމިޔާބުކުރި ގޯލެކެވެ.
މި ގޯލާއެކު އޭނާ ވަނީ މި މުބާރާތުގެ ގޯލްޑަން ބޫޓަށް ވާދަކުރާ ކުޅުންތެރިންގެ ލިސްޓުން ޖާގަ ހޯދާފައެވެ. މި ލިސްޓުގެ އެންމެ ކުރީގައި އުޅެނީ އެމެރިކާގެ އެލެކްސް މޯގަން އާއި ރަޕީނޯގެ އިތުރުން އިންގްލެންޑްގެ އެލެން ވައިޓް އާއި އޮސްޓްރޭލިއާގެ ސޭމް ކާ އެވެ. މި ހަތަރު ކުޅުންތެރިންވެސް ޖަހާފައިވަނީ ފަސް ގޯލެވެ.
އެމެރިކާ އިން ދެލަނޑުގެ ލީޑެއް ނެގުމާއެކު ފްރާންސުން ވަނީ ފަހު 20 މިނެޓުގައި މެޗުގެ ކޮންޓްރޯލް އަތުލާފައެވެ. ނަމަވެސް، އެ ޓީމަށް ގޯލެއް ކާމިޔާބުކުރެވޭގޮތްވީ މެޗުގެ 81 ވަނަ މިނެޓުގައެވެ. މިއީ އެ ޓީމުގެ ގައެޓަން ތިނޭ ނަގައިދިން ހިލޭޖެހުމަކުން ވެންޑީ ރެނާޑް ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.
އޭގެ ފަސް މިނެޓުފަހުން، ފްރާންސްގެ އަމެލް މަޖްރީ ނަގައިދިން ހުރަހެއް ޕެނަލްޓީއޭރިޔާގެ ތެރޭގައި ހުރި އެމެރިކާގެ ކެލީ އޯ ހާރާގެ އަތުގައި ޖެހުމުން ޕެނަލްޓީއަކަށް އެޕީލްކުރިނަމަވެސް، މެޗުގެ ރެފްރީ ވަނީ ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) ގެ އެހީ ހޯދުމަށް ދެކޮޅުހަދާފައެވެ. އެގޮތުން، އޭނާ ވަނީ ޕެނަލްޓީގެ ބަދަލުގައި އޭރިޔާ ބޭރުން ހިލޭޖެހުމެއް ދީފައެވެ.
މި މުބާރާތުގެ ސެމީ ގައި އެމެރިކާ ނިކުންނާނީ އިންގްލެންޑްއާ ދެކޮޅަށެވެ. މި މެޗު ކުޅެވޭނީ އަންނަ ޖުލައި މަހުގެ 3 ވަނަ ދުވަހު ރާއްޖޭގަޑިން 00:00 ގައެވެ.