މިހާރު ބްރެޒިލްގައި ކުރިއަށްދާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ރޭ ކުޅުނު މެޗުގައި ވެނެޒުއޭލާ އަތުން 2-0 އިން މޮޅުވެ އާޖެންޓީނާ ސެމީ އަށް ދަތުރުކުރިއިރު، އެންމެފަހުގެ ދެ އަހަރުގެ ޗެމްޕިއަން ޗިލީ ވަނީ ޕެނަލްޓީ ޖަހައިގެން ކޮލަމްބިއާ ބަލިކޮށް ސެމީ އިން ޖާގައެއް ކަށަވަރުކޮށްފައެވެ.
ސެމީގައި ވާދަވެރި ބްރެޒިލާ ދެކޮޅަށް އާޖެންޓީނާ ނިކުންނަން ޖެހޭއިރު، ޗިލީ ކުޅެން ޖެހޭނެ ޓީމެއް އެނގޭނީ މި މުބާރާތުގައި މިރޭ ކުޅޭ ޕެރޫއާ އުރުގުއޭ މެޗުން މޮޅުވާ ޓީމަކާއެވެ.
މިއީ 2007 ވަނަ އަހަރުގެ ފަހުން ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ބްރެޒިލާ ދެކޮޅަށް އާޖެންޓީނާ ނިކުންނަ ފުރަތަމަ ފަހަރަށްވާއިރު، އެ ފަހަރު ފައިނަލްގައި ބްރެޒިލް މޮޅުވީ 3-0 އިންނެވެ. މީގެއިތުރުން، މިއީ ވޭތުވެދިޔަ 12 އަހަރުގެ ތެރޭގައި ބްރެޒިލުން ސެމީ އަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. އާޖެންޓީނާ ވަނީ އެންމެ ފަހުން ކުޅެވުނު ދެ މުބާރާތުގެ ވެސް ފައިނަލްގައި ޗިލީ އަތުން ބަލިވެފައެވެ.
ރޭގެ މެޗަށް އާޖެންޓީނާ ނިކުތީ އެންމެފަހުން ގަތަރާ ދެކޮޅަށް ކުޅެ 2-0 އިން މޮޅުވި މެޗުގެ ފުރަތަމަ އެގާރަ އަށް ދެ ބަދަލެއް ގެނެސްގެންނެވެ. އެގޮތުން، ރޭގެ މެޗުގައި އެ ޓީމުގެ ކޯޗު ލިއޮނަލް ސްކަލޯނީ ވަނީ ރެންޒޯ ސަރާވިއާ އާއި ޖިއޮވާނީ ލޮ ސެލްސޯގެ ބަދަލުގައި ޖާމަން ޕެޒެއްލާ އަދި މާކޯސް އަކޫނިއާ އަށް ފުރަތަމަ އެގާރައިން ފުރުޞަތުދީފައެވެ. ވެނެޒުއޭލާ އިން ވެސް ރޭގެ މެޗަށް ނިކުތީ ދެ ބަދަލަކާއެކުގައެވެ.
ރިއޯގެ މަރަކާނާ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި، ކުރީ މެޗެކޭ އެއްފަދައިން އާޖެންޓީނާ ވަނީ މެޗުގެ ކުރީކޮޅު ލަނޑުޖަހާފައެވެ. ރޭގެ މެޗުގެ ކުޅުން ފެށިތާ 10 ވަނަ މިނެޓުގައި އެ ޓީމަށް މިލަނޑުޖަހައިދިނީ އިންޓަ މިލާންގެ ފޯވާޑް ލޮޓާރޯ މާޓިނޭޒް އެވެ. މިއީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ނަގައިދިން ކޯނަރެއް ޕެނަލްޓީއޭރިޔާތެރެއަށް ހުރަސްވި ވަގުތު ވެނެޒުއޭލާގެ ކުޅުންތެރިއަކު ދިފާއުކުރަން އުޅުމުގެ ތެރޭގައި އެ ބޯޅަ ސާޖިއޯ އަގުއޭރޯ އަށް ލިބުމުން އޭނާ ޖައްސާލި ޕާހަކުން ވަރަށް ރީއްޗަށް ބެކްހީލް އަކުން މާޓިނޭޒް ކާމިޔާބުކުރި ގޯލެކެވެ.
މި ހާފުގައި ވެނެޒުއޭލާއަށް އާޖެންޓީނާގެ ގޯލަށް ނުރައްކާ ކުރެވިފައެއްނުވެއެވެ. ނަމަވެސް، އާޖެންޓީނާއަށް ވަނީ ލީޑް ފުޅާކުރުމަށް އިތުރު ފުރުޞަތުތައްލިބި ބޭނުންހިފޭގޮތްނުވެފައެވެ. އެގޮތުން، އެ ޓީމުގެ އަގުއޭރޯ އާއި ޕެޒެއްލާ އަދި މެސީ އަށް ލިބުނު ފުރުޞަތުތަކުގައި ގޯލެއް ކާމިޔާބުކުރެވޭގޮތެއްނުވިއެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިތަނާ، ލެއަންޑްރޮ ޕަރެޑޭސް އާއި މާޓިނޭޒް ވަނީ އާޖެންޓީނާގެ ލީޑް ފުޅާކުރުމާއި ގާތަށް ޖެހިލާފައެވެ. މެޗުގެ 47 ވަނަ މިނެޓުގައި އެ ޓީމުގެ ޕަރެޑޭސް ވަރަށް ހަނި އޭންގަލަކުން ފޮނުވާލި ބޯޅަ ވެނެޒުއޭލާގެ ކީޕަރު ވުއިލްކާ ފަރިނޭޒް މަތަކުރިއިރު، އޭގެ މިނެޓެއްފަހުން ޕަރެޑޭސް ދިން ރީތި ޕާހަކުން މާޓިނޭޒް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ.
މި ހާފުގެ ފުރަތަމަ ވިހި މިނެޓަށްފަހު، އާޖެންޓީނާގެ ކޯޗު ސްކަލޯނީ ވަނީ މާޓިނޭޒް އާއި އަކޫނިއާގެ ބަދަލުގައި އެންހެލް ޑި މާރިއާ އަދި ލޮ ސެލްސޯ ކުޅެން އަރުވާފައެވެ. މިއާއެކު، އެ ޓީމުގެ އެޓޭކްތައް ކުރިއަށްވުރެ އަވަސްވެގެން ދިޔައެވެ. އެގޮތުން، މެޗު ނިމެން 16 މިނެޓަށްވެފައިވަނިކޮށް އާޖެންޓީނާގެ ފޯވާޑް އަގުއޭރޯ ފޮނުވާލި ހަމަލާ ވެނެޒުއޭލާގެ ކީޕަރު ފަރިނޭޒް އަށް ރަނގަޅަށް ދިފާއުނުކުރެވިގެން އުޅެނިކޮށް ރީބައުންސްގައި ލޮ ސެލްސޯ ވަނީ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ.
ފުރަތަމަ ހާފާއި ހިލާފަށް މި ހާފުގައި ވެނެޒުއޭލާ ވަނީ އާޖެންޓީނާގެ ޑިފެންސަށް ބާރު ބޮޑުކޮށްފައެވެ. ނަމަވެސް، އެ ޓީމުގެ އެޓޭކްތައް ހުއްޓުވުމުގައި އާޖެންޓީނާގެ ޒުވާން ޑިފެންޑަރު ހުއާން ފޮއިތު އާއި ކީޕަރު ފްރޭންކޯ އަރްމާނީ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.
މި މުބާރާތުގައި ރޭ ކުޅެވުނު އަނެއް މެޗުގައި، ސައްތައިން ސައްތަ ރެކޯޑާއެކު ގްރޫޕް ސްޓޭޖު ފަހަނައަޅައި ކުއާޓާ އަށް ދަތުރުކުރި ކޮލަމްބިއާގެ މައްޗަށް ޗިލީ ވަނީ ޕެނަލްޓީ ޝޫޓްއައުޓްގައި 5-4 އިން ކުރިހޯދައި ސެމީގެ ޖާގައެއް ކަށަވަރުކޮށްފައެވެ. މިއީ ޗިލީން ސެމީ އަށް ވިދިވިދިގެން ދަތުރުކުރި ތިންވަނަ ފަހަރެވެ.
ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި މިރޭ ކުޅޭ ކުއާޓާ މެޗުގައި، ރާއްޖޭގަޑިން 00:00 ގައި ބައްދަލުކުރާނީ އުރުގުއޭއާ ޕެރޫ އެވެ.