ރ. މަޑުއްވަރީގައި ފުލުހަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، ފުލުހެއްގެ ކަރުގައި ހިފައި މާރާމާރީ ހިންގި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ 22 އަހަރުގެ ފިރިހެނެއް ކަމަށެވެ.
އެމައްސަލާގައި މީގެ ކުރިން ވަނީ އެކަކު ހައްޔަރުކޮށްފައެވެ.
އެ މާރާމާރީ ހިނގަން މެދުވެރިވީ، އެރަށުގައި ރެޖިސްޓްރީ ނުޖަހާ ދުއްވާ ރަށުޕިކަޕެއް ފުލުހުން ޓޯކުރުމުންނެވެ. ފުލުހުން ވިދާޅުވީ އެ ޕިކަޕް ޓޯކުރީ ރަޖިސްޓްރީ ބޯޑު ނުޖަހާ ދުއްވާ މައްސަލާގައި ހުއްޓުވާ ނަސޭހަތްދީ އެކަން އިސްލާހު ނުކުރުމުން ކަމަށެވެ.
އިއްޔެ މާލޭގައި ވެސް ވަނީ ފުލުހަކަށް ހަމަލާދީ، މާރާމާރީ ހިންގައިފައެވެ. އިއްޔެ މެންދުރު 1:14 ހާއިރު ކުޑަކުއްޖަކު ގޮވައިގެން އަމީނީ މަގުން ކޯރުކެނޑި މަގަށް ވަންވޭއާ ދެކޮޅަށް ދުއްވާފައި ދިޔަ މީހަކަށް ނަސޭހަތްތެރިވުމުން، ނަސޭހަތްތެރިވި ފުލުސް މީހާއަށް އޭނާ ހަމަލާދީ، ޒަހަމްކޮށްލާފައިވެއެވެ.