ދިވެހިރާއްޖެއާއި ވިލާތުގެ އިއްތިހާދު (އީޔޫ)ގެ ސީނިއާ އޮފިޝަލުންގެ ލެވެލްގައި ކޮންމެ އަހަރަކުވެސް ބައްދަލުކުރުމަށް ނިންމައިފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ އީޔޫއާއި ރާއްޖޭގެ އިސް އޮފިޝަލުން ކޮންމެ އަހަރަކު ބައްދަލުވުންތައް ބާއްވަން އެއްބަސްވީ، އީޔޫގެ ޚާރިޖީ ސިޔާސަތާ ބެހޭ އިސް މަންދޫބު ފެޑެރިކާ މޮގަރިނީ އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ބައްދަލުކުރައްވައި ކުރެެއްވި މަޝްވަރާތަކަކަށް ފަހު ކަމަށެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިވަގުތު ހުންނެވީ ވިލާތުގެ އިއްތިހާދު އެކި އިސް ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ބެލްޖިއަމްގެ ބްރަސަލްސްގައެވެ.
މިނިސްޓަރާއި ޔޫރަޕިއަން ކޮމިޝަނުގެ ނައިބު ރައީސާ ފެޑެރިކާގެ ބައްދަލުކުރެއްވުމުގައި އޭނާގެ ވަނީ ރާއްޖެއިން ޑިމޮކްރަސީއާއި އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް ކުރަމުން އަންނަ މަސައްކަތުގައި އީޔޫއިން އެހީތެރިވެދޭނެކަމަށް ވިދާޅުވެފައެވެ.