ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތުގެ މައްސަލަކަމަށްވާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި އެންމެ ބޮޑު އިހުމާލެއް ވެފައިވަނީ ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލުންކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އިއްޔެ އެމްއެމްޕީއާރުސީގެ މައްސަލާގައި ވާހަކަ ދައްކަވަމުން އޮޑިޓަރ ޖެނެރަލްގެ ނައިބު އިބްރާހީމް އައިމަން ވިދާޅުވީ، ބޮޑު ހިޔާނާތުގައި އެންމެ ބޮޑު އިހުމާލެއް ވެފައިވަނީ ބޭންކުތަކުން ކަމަށް ވިދާޅުވެފައެވެ. އަދި އެމްއެމްޕީއާރުސީގެ މައްސަލާގައި ސުވާލު އުފެދޭ އެތައްކަމެއް ހިނގިއިރު ބޭންކް އޮފް މޯލްޑިވްސްއިން އެކަން މަރުކަޒީ ބޭންކް، އެމްއެމްއޭއަށް ރިޕޯޓްކޮށްފައި ނުވާ ކަމަށް އައިމަން ވިދާޅުވުއެވެ.
އަދި އެންޑޯޒްމެންޓް ފުރިހަމަ ނުވާ ޗެކުތަކެއް ބީއެމްއެލްއިން ޖަމާކޮށްދިނުމަކީ މައްސަލައެއް ކަމަށާއި، އަދި ޝައްކު އުފެދޭ މައްސަލަތައް ދިމާވުމުންވެސް ބީއެމްއެލްއިން އެމްއެމްއޭއަށް ރިޕޯޓްކޮށްފައި ނުވުމަކީ ބޮޑު އިހުމާލެއްކަމަށް އައިމަން ވިދާޅުވިއެވެ.
ނަމަވެސް ބީއެންއެލުން މީގެ ކުރިން ބުނެފައިވަނީ އެމްއެމްޕީއާރުސީގެ ޗެކްތައް ޖަމާކޮށްފައިވަނީ ބޭންކުގައި އޮންނަ އުސޫލުގެ ތެރެއިން ކަމުގައެވެ. އަދި އެމްއެމްޕީއާރުސީގެ މައްސަލާގައި ޝައްކު އުފެދޭ މައްސަލަތައް އެމްއެމްއޭއަށް ރިޕޯޓްކުރަމުން ގެންދިޔަކަމަށް ބީއެމްއެލުންވަނީ ބުނެފައެވެ.
އެމްއެމްޕީއާރުސީގެ އޮޑިޓް ރިޕޯޓްގައި ވާގޮތުން އެކުންފުނީގެ ހިޔާނާތް 1.4 ބިލިއަން ޑޮލަރަށް އަރައެވެ.