ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލަތަކެއް ބަލަމުން ގެންދަނިކޮށް އޭނާ މިރޭ ރާއްޖެ އިން ބޭރަށް ފުރާވަޑައިގެންފިއެވެ.
ފަނޑިޔާރު ދީދީގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމް ވިދާޅުވީ މީގެ ކުރިން ވެސް ހަމަޖެހިފައި އޮތް ދަތުރުފުޅެއްގައި ފަނޑިޔާރު ދީދީ މިރޭ ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ހުއްދަ އާއިއެކު ކަމަށެވެ.
ޝަހީމް ވިދާޅުވީ، ފަނޑިޔާރު ދީދީ އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ދުވަސް ޖޭއެސްސީއަށް އެނގޭނެ ކަމަށެވެ.
ފަނޑިޔާރު ދީދީ ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވިއިރު ޖޭއެސްސީން އަންނަނީ އޭނާއާ ގުޅޭ ސުލޫކީ މައްސަލަތަކެއް ތަހުގީގު ކުރަމުންނެވެ. އެގޮތުން ދީދީގެ ތަހުގީގު އެންމެފަހުގެ އަޑުއެހުމުގައި ވަނީ ފުލުހުން އޭނާއާ ގުޅޭގޮތުން ބަލަމުންދާ މައްސަލަތައް ހާމަކޮށް ޖޭއެސްސީ އަށް ފޮނުވާފައިވާ ސިޓީއެއް ވަނީ އިއްވާފައެވެ.
ދީދީގެ މައްޗަށް ފުލުހުން ތުހުމަތު ކުރަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ނަންގަވާފައި ވުމާއި، މަޤާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ނާޖާއިޒު މަންފާ ހޯއްދަވާފައިވާ ކަމުގެ ތުހުމަތެވެ.
މީގެ އިތުރުން މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލާގައި ވެސް ފަނޑިޔާރު ދީދީއަށް ފުލުހުން ވަނީ ސީރިއަސް ތުހުމަތުތަކެއް ކޮށްފަ އެވެ.
ނަމަވެސް އެހުރިހާ ތުހުމަތުތަކަށް ފަނޑިޔާރު ދީދީ އިންކާރު ކުރައްވައެވެ.
ފަނޑިޔާރު ޑީޑީގެ ސުލޫކީ މައްސަލަތަކުގައި ޖޭއެސްސީން ވަނީ އޭނާ ސަސްޕެންޑު ވެސް ކުރިއެވެ، ނަމަވެސް އެ ކަމުގައި އެއްވެސް ފިޔަވަޅެއް ނާޅަން ރާއްޖޭގެ އެންމެ މަތީ ކޯޓު ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.