މިހާރު ކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއާ ލީގަށް ހާއްސަކޮށްގެން ފެންޓަސީ ދިވެހި ޕްރިމިއާ ލީގުގެ ނަމުގައި ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ތައާރަފްކޮށްފިއެވެ.

މި ފަހަރުގެ ފެންޓަސީ ލީގު ނިމޭއިރު އެއްވަނަ އަށް ދާ ފަރާތަކަށް އިނާމެއްގެ ގޮތުގައި -/50,000 ރުފިޔާ ދޭން ވަނީ ހަމަޖެހިފައެވެ. ފެންޓަސީ ލީގު ފެށޭނީ ދިވެހި ޕްރިމިއާ ލީގުގައި މާދަމާ ކުޅެވޭ މެޗުތަކުންނެވެ.

މީގެކުރީން، 2017 ވަނަ އަހަރުގައިވެސް އަމިއްލަ ބަޔަކާއި އެފްއޭއެމް ގުޅިގެން "ފެންޓަސީ ފުޓްބޯޅަ" ގެ ނަމުގައި ފެންޓަސީ ލީގެއް ކުރިއަށްގެންގޮސްފައިވެއެވެ. އެ ފަހަރު ކޮންމެ ހަފްތާއެއްގައި އެއްވަނަ އަށް ހޮވުނު ފަރާތްތަކަށް އިނާމުދިން ނަމަވެސް، މުޅި ލީގުގެ އެއްވަނަ އަށް ދިޔަ ފަރާތަށް އިނާމު ދީފައެއްނުވެއެވެ. އެ ފަހަރު ލީގުގެ އެއްވަނަ އަށް ދާ ފަރާތަކަށް ހުށަހެޅި އިނާމަކީ ޔުއެފާ ޗެމްޕިއަންސް ލީގުގެ މެޗެއް ބަލަން ދިއުމުގެ ފުރުޞަތެވެ.

ފެންޓަސީ ލީގުގައި ބައިވެރިވާ ކޮންމެ ފަރާތަކަށް މި ލީގަށް ހާއްސަ ވެބްސައިޓް މެދުވެރިކޮށް ހިޔާލީ ޓީމެއް ހެދުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އެގޮތުން، ލީގުގައި ވާދަކުރާ ޓީމުތަކުގެ ކުޅުންތެރިންނަށް ހިޔާލީ އަގުތަކެއް ކަނޑައަޅާފައިވާއިރު، ކޮންމެ ބައިވެރިއަކަށްވެސް އޭނާ ހަދާ ޓީމަށް ކޮންމެ މެޗު ހަފްތާއެއްގެ ކުރީން ކުޅުންތެރިން ގަނެ ވިއްކޭނެއެވެ. އެ ބައިވެރިއަކަށް ޕޮއިންޓް ލިބޭނީ، އެ މެޗު ހަފުތާއެއްގައި ލީގުގައި ކުޅޭ މެޗުތަކުގައި ނަތީޖާ ނިކުންނަ ގޮތާއި ކުޅުންތެރިން ދަނޑުމަތީގައި ދައްކާ ކުޅުމުގެ މައްޗަށް ކަނޑައެޅިފައިވާ މިންގަނޑަކުންނެވެ. އަދި ޖެހިގެން އަންނަ މެޗު ހަފުތާއަކަށް އަނެއްކާ ވެސް ޓީމަށް ބަދަލު ގެނައުމުގެ ފުރުޞަތު ލިބޭނެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް ކަމަށްވާ ދިވެހި ޕްރިމިއާ ލީގުގައި، މި ފަހަރު ވާދަކުރަނީ އެންމެ ފަހުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބާއި، މާޒިޔާ އާއި ގްރީން ސްޓްރީޓްސް އަދި ކްލަބް އީގަލްސް އާއި ދަ ގްރާންޑޭގެ އިތުރުން ވިކްޓްރީ އާއި ޔުނައިޓެޑް ވިކްޓްރީ އަދި ށ. ފޯކައިދޫ އާއި ފ. ނިލަންދޫ އެވެ. 

ނަމަވެސް، މި ފަހަރުގެ ލީގުގައި ރާއްޖޭގެ އެންމެ ބޮޑު ކްލަބު ކަމަށްވާ ނިއު ރޭޑިއަންޓަށް ދީފައިވާ ސަސްޕެންޝަނުގެ ސަބަބުން ވާދަނުކުރާތީވެ، ފެންޓަސީ ލީގުގެ ފޯރި އެހާ ގަދަވާނެކަމަށް ނުބެލެވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *