މުދަލަކީ ވަގުތީ އެއްޗެއް ކަމަށާއި، އެއީ އިމްތިހާނެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

"ސަދަޤާތް ކުރުމުގެ މުހިންމުކަން" މި މައުލޫއަށް މިއަދުގެ ހުކުރު ހުތުބާގައި ވާހަކަ ދައްކާފައިވާއިރު، ހުތުބާގައި ވަނީ މުދާ ހެޔޮ ގޮތުގައި ހޭދަކުރުމަށް ގޮވާލައިފައެވެ.

"މުދަލަކީ އިމްތިހާނެކެވެ. ވަގުތީ އެއްޗެކެވެ. ތިމާއަށް ފައިދާ ކުރާނީ އެ މުދާ ހޭދަކުރަން ޖެހޭ އެންމެހައި ކަންކަމުގައި ހޭދަކުރުމުންނެވެ" ހުތުބާގައިވެއެވެ.

އަދި ﷲގެ މަގުގައި ހޭދަކުރުމަކީ ވަރަށް މަތިވެރި އަޖުރަކާއި ސަވާބެއް އެކަމުގައި އެކުލެވޭ ކަމެއް ކަމަށާއި އެއީ، އެކަލާނގެ ރުހިވޮޑިގަތުމާއި، އެކަލާނގެ ހަޟްރަތުން ފުއްދެވުމާއި މަޣްފިރަތު ލިބުމަށް އޮތް މަގެއް ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.

މާތްﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

"އަދި އެބައިމީހުން (އެކަލާނގެ މަގުގައި) ހޭދަކުރި ކޮންމެ އެއްޗަކަށް، އެކަލާނގެ އޭގެ ބަދަލު ދެއްވަތެވެ. އަދި އެކަލާނގެއީ، ރިޒުޤުދެއްވާ، އެންމެ ހެޔޮ ރަސްކަލާނގެއެވެ"

އަދިވެސް އެކަލާނގެ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

"އަދި އެތަކެއްޗާއި މެދު، އެކަލާނގެ ތިޔަބައިމީހުން ހަލީފާވެރިންކަމުގައި ލެއްވި ތަކެތިން ތިޔަބައިމީހުން ހޭދަކުރާށެވެ! ފަހެ، ތިޔަބައިމީހުންގެ ތެރެއިން އީމާންވެ، އަދި ހޭދަކުރިމީހުން ދަންނާށެވެ! އެއުރެންނަށް ބޮޑުވެގެންވާ ދަރުމަހުށްޓެވެ"

ހުތުބާގައި ބުނީ މުދަލަށް ލޯބި ކުރުމާއި، މުދަލަށް ދަހިވެތިވުމަކީ އިންސާނާގެ ފިތުރަތުގައި ލައްވާފައިވާ ކަމެއް ކަމަށެވެ.

ﷲ ތަޢާލާ ވަހީކުރައްވާފައިވާ އާޔަތެއްގެ މާނައިގައިވެއެވެ.

"އަދި ތިޔަބައިމީހުން ގަދަވެގެންވާ ލޯތްބަކުން، މުދަލަށް ލޯބިކުރަމުއެވެ"

ހުތުބާގައި ވަނީ ހަވާ ނަފްސާއި ދެކޮޅަށް ﷲގެ މަގުގައި ހޭދަކުރުމަށް ވަސިއްޔަތް ކޮށް، އަމިއްލަ އެދުންތައް އެއްފަރާތްކޮށް ﷲގެ މަގުގައި ސަދަޤާތްކޮށް އުޅުމަށް ވަސިއްޔަތްކޮށްފައެވެ.

މާތްﷲ ވަހީކުރައްވާފައިވާ އާޔަތެއްގެ މާނައިގައިވެއެވެ.

"އެމީހެއްގެ އަމިއްލަ ނަފްސްގެ ދަހިވެތިކަމުން މިންޖުވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ ދިންނަވާނެ މީހުންނެވެ"

އަދި ސަލާމަތާއި އަމާންކަމުގެ މަގު ދޫކޮށް ބަހީލުވެ ދަހިވެތިވެއްޖެ ކޮންމެ މީހަކަށް އޮތީ ނާމާންކަމާއި ބިރުވެރިކަން ކަމުގައިވެސް ހުތިބާގައި ބުނެފައިވެއެވެ.

މާތްﷲ ވަހީކުރައްވާފައިވާ ވަހީ ބަސްފުޅެއްގެ މާނައިގައިވެއެވެ.

"އަދި ދަހިވެތިވެ، ﷲ ފިޔަވައި އަމިއްލައަށް ފުދިގެންކަމަށް ހީކޮށް، އަދި އެންމެ ހެޔޮބަސް ދޮގުކުރި މީހާ ދަންނާށެވެ! ފަހެ، ތިމަންރަސްކަލާނގެ ދަތިކަން ހުރި މަގަށް އެމީހަކަށް މަގު ފަހިކޮށްދެއްވާ ހުށީމެވެ. އަދި އެމީހާ (ނަރަކަޔަށް) ވެއްޓޭ ހިނދު، އެމީހާގެ މުދާ އެމީހާއަށް އެއްވެސް ކަމެއް ފުއްދައެއް ނުދޭނެތެވެ"

ހުތުބާ ނިންމާލަމުން ވަނީ ސަދަގާތް ކުރުން އިތުރު ކުރުމަށް ވަސިއްޔަތްކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *