މިހާރު އިންގްލެންޑް އަދި ވޭލްސްގައި ކުރިއަށްދާ ކްރިކެޓް ވޯލްޑްކަޕްގައި އިއްޔެ ކުޅުނު މެޗުގައި 125 ލަނޑުގެ ބޮޑު ތަފާތަކުން ވެސްޓް އިންޑީޒް ބަލިކޮށް އިންޑިއާ އިން ސެމީ ފައިނަލާއި ފިޔަވަޅަކާ ގާތަށް ޖެހިލައިފިއެވެ.

މި މޮޅާއެކު އިންޑިއާ ވަނީ މިހާތަނަށް ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗު ކާމިޔާބުކޮށް، 11 ޕޮއިންޓާއެކު ތާވަލްގެ ދެވަނަ އަށް ޖެހިލާފައެވެ. ހަމަ މި އަދަދަށް ނިއު ޒީލެންޑަށް ޕޮއިންޓް ލިބިފައިވާއިރު، އިންޑިއާ އަށް ކުރިލިބެނީ ނެޓް ރަން ރޭޓުންނެވެ. އެންމެކުރީގައި އުޅޭ އޮސްޓްރޭލިއާ އަށް 12 ޕޮއިންޓް ލިބިފައިވާއިރު، ހަތަރުވަނައިގައި އޮތީ 8 ޕޮއިންޓާއެކު އިންގްލެންޑެވެ. ވެސްޓް އިންޑީޒަށް ތިން ޕޮއިންޓް ލިބިފައިވާއިރު އެ ޓީމު އޮތީ ފުލުން ތިންވަނައިގައެވެ.

މެންޗެސްޓާގެ އޯލްޑް ޓްރެފޯޑްގައި ކުޅުނު މެޗުގެ ޓޮސް ދިމާވުމުން އިންޑިއާ އިން ކުޅެން އަރައި 50 އޯވަރުގެ ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 268 ލަނޑެވެ. އެންމެ ރަނގަޅަށް ކުޅުނީ 72 ލަނޑުހެދި ކެޕްޓަން ވިރާތު ކޯލީ އާއި ނުބައިނުވެ 56 ލަނޑުހެދި ކުރީގެ ކެޕްޓަން މަހެންދްރަ ސިންގް ދޯނީ އެވެ. ވެސްޓް އިންޑީޒުން އެންމެ ރަނގަޅަށް އުކި ކެމާރް ރޯޗް ތިން ވިކެޓްނެގިއެވެ.

ޖަވާބުގައި ކުޅެން އެރި ވެސްޓް އިންޑީޒަށް 34.2 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 143 ލަނޑެވެ. ވެސްޓް އިންޑީޒް އިން ރަނގަޅަށް ކުޅުނު ސުނީލް އެމްބްރިސް 31 ލަނޑުހެދިއިރު، ނިކޮލަސް ޕޫރާން 28 ލަނޑުހެދިއެވެ. މި އިނިންގްސްގައި އިންޑިއާ އިން އެންމެ ރަނގަޅަށް އުކީ 6.2 އޯވަރުގެ ތެރޭގައި 16 ލަނޑަށް ހަތަރު ވިކެޓްނެގި މުހައްމަދު ޝާމީ އެވެ.

މި މުބާރާތުގައި މިއަދު ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި، ސްރީ ލަންކާ ނިކުންނާނީ ދެކުނު އެފްރިކާއާ ދެކޮޅަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *