ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ރޭ ކުޅުނު މެޗުގައި ޕެނަލްޓީ ޖަހައިގެން 4-3 އިން ޕެރަގުއޭ ބަލިކޮށް އެ މުބާރާތުގެ ސެމީ ފައިނަލުން ބްރެޒިލް ޖާގަ ހޯދައިފިއެވެ.
މި މުބާރާތުގައި މި ދެ ޓީމު އެންމެފަހުން ބައްދަލުކުރީ 2011 އާއި 2015 ވަނަ އަހަރުގެ ކުއާޓާ ފައިނަލްގައެވެ. އެ ދެ ފަހަރުވެސް ޕެނަލްޓީ ޝޫޓްއައުޓްގައި ކުރި ހޯދީ ޕެރަގުއޭ އެވެ.
މިއީ 2007 ވަނަ އަހަރުގެ މުބާރާތް ބްރެޒިލުން ކާމިޔާބުކުރިފަހުން، ވޭތުވެދިޔަ 12 އަހަރުގެ ތެރޭގައި އެ ޓީމުން ސެމީ އަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.
ޕޯޓޮ އަލެގްރޭގެ އެރީނާ ޑޮ ގްރެމިއޯގައި ކުޅުނު މެޗުގެ ކުރީކޮޅު ބްރެޒިލްގެ ރޮބާޓޯ ފިރްމީނޯ އާއި އެވަޓަން އަށް ލަނޑުޖެހުމަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތެއްނުވިއެވެ. މި ދެ ކުޅުންތެރިން ފޮނުވާލި ދެ ހަމަލާވެސް ޕެރަގުއޭގެ ގޯލްކީޕަރު ރޮބާޓޯ ފެނާންޑޭޒް މަތަކުރިއެވެ.
މިހާފުގައި ޕެރަގުއޭ އަށް ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި ޑާލިސް ގޮންޒާލެޒް ފޮނުވާލި ހަމަލާ ބްރެޒިލްގެ ގޯލްކީޕަރު އެލިސަން ބެކާ މަތަކުރިއެވެ. އޭގެފަހުން، މެޗުގެ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް، ފިލިއްޕޭ ކުޓީނިއޯ ވަރަށް ހަނި އޭންގަލަކުން ފޮނުވާލި ހަމަލާ ޕެރަގުއޭގެ ކީޕަރު ފެނާންޑޭޒް މަތަކުރިއެވެ.
ދެވަނަ ހާފުގެ ކުރީކޮޅު، ބްރެޒިލްގެ ފިރްމީނޯ އަށް ކުރި ފައުލަކަށް ޕެރަގުއޭގެ ފަބިއަން ބަލްބުއެނާ އަށް ރެފްރީ ރަތް ކާޑު ދެއްކުމުން މެޗުގެ އޮއިވަރު ބަދަލުވިއެވެ. ފުރަތަމަ ޕެނަލްޓީއެއްކަމަށް ދެއްކި ނަމަވެސް، ފަހުން ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) ގެ އެހީ ހޯދުމަށްފަހު ބްރެޒިލަށް ދިނީ ހިލޭޖެހުމެކެވެ. ޑެނީ އަލްވޭސް ހިލޭޖެހުމަކުން ފޮނުވާލި ބޯޅަ ޕެރަގުއޭގެ ކީޕަރު ފެނާންޑޭޒް މަތަކުރިއެވެ.
އޭގެފަހުން، ބްރެޒިލްގެ ކުޓީނިއޯ އާއި ތިއާގޯ ސިލްވާ އަދި އާތުރް މެލޯގެ އިތުރުން އެލެކްސް ސެންޑްރޯ ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީވެސް ފެނާންޑޭޒް އެވެ. މެޗުގެ އެންމެ ފަހު މިނެޓުގައި ބްރެޒިލް މޮޅުކޮށްދިނުމަށް ލިބުނު ފުރުޞަތުގައި ވިލިއަން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ދަނޑިއަށެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި، ބްރެޒިލުން ފޮނުވާލި ފަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ކާމިޔާބުކުރީ، ވިލިއަން އާއި މާކީނޯސް އަދި ކުޓީނިއޯގެ އިތުރުން ގެބްރިއެލް ޖެސޫސް އެވެ. ފިރްމީނޯ ފޮނުވާލި ޕެނަލްޓީ ގޯލާ ސީދާނުވެ ދިޔައީ ބޭރަށެވެ.
ޕެރަގުއޭ އަށް ކާމިޔާބުކުރެވުނީ ތިން ޕެނަލްޓީއެވެ. އެ ޓީމުގެ ކެޕްޓަން ގުސްޓާވޯ ގޯމޭޒް ފޮނުވާލި ޕެނަލްޓީ ބްރެޒިލްގެ ކީޕަރު އެލިސަން މަތަކުރިއިރު، ޑާލިސް ގޮންޒާލޭޒް ޖެހި ޕެނަލްޓީ ގޯލާއި ސީދާވާގޮތެއްނުވިއެވެ. ޕެރަގުއޭ އަށް ޕެނަލްޓީ ކާމިޔާބުކޮށްދިނީ މިގޭލް އަލްމިރޯން އާއި ބްރޫނޯ ވަލްޑޭޒް އަދި ރޮޑްރިގޯ ރޯހާސް އެވެ.
ސެމީ ފައިނަލްގައި ބްރެޒިލް ނިކުންނާނީ މިރޭ ކުޅެވޭ އާޖެންޓީނާއާ ވެނެޒުއޭލާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. މިރޭގެ މެޗު ފަށާނީ ރާއްޖޭގަޑިން 00:00 ގައެވެ.