ހ.ހާޖަރާގޭ ޢަބްދުﷲ ލުޠުފީ ރާއްޖެ ނުގެނެވި ލަސްވަނީ ދެ ޤައުމު ދޭތެރޭގައި ލިޔެކިޔުންތައް ބަދަލުކުރަމުންދާތީކަމަށް ފުލުހުންގެ ތަރުޖަމާނު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ، ލުޠުފީ އަނބުރާ ރާއްޖެ ގެނައުމަށް ސްރީލަންކާގެ ކަމާއިބެހޭ އިދާރާތަކުން ފުރިހަމަ ކުރަންޖެހޭ ލިޔެކިޔުންތައް މިއަދާއި ހަމައަށްވެސް ފުރިހަމަ ކުރެވިފައިނުވާތީކަމަށެވެ. އިޒުމިއާ އިތުރަށް ވިދާޅުވީ، ފުލުހުންގެ އުންމީދަކީ ލިޔެކިޔުންތައް ފުރިހަމަވިހާ އަވަހަކަށް ލުޠުފީ ރާއްޖެ ގެނެވޭނޭކަމަށެވެ.
ލުޠުފީ ރާއްޖެ ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ފުލުހުންގެ ޚާއްސަ ޓީމެއް ލަންކާގައި ޚަރަކާތްތެރިވަމުންދާކަމަށްވެސް އިޒުމިއާ ވިދާޅުވިއެވެ.
ނޮވެމްބަރު 3، 1988ގެ އުދުވާނީ ހަމަލާއާއި ގުޅިގެން ޖަލު ހުކުމް ތަންފީޒު ކުރުމުން ދަނިކޮށް 2009 ވަނަ އަހަރު ބޭސްވަރުވާއަށް ކަމަށް ބުނެ ލަންކާއަށް ފުރައިގެން ދިޔުމަށްފަހު ލުތުފީ ވަނީ ފިލާފައެވެ. އޭގެ ފަހުން ފިލައިގެން އުޅުމަށް ފަހު ލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ވަނީ 01 މެއި 2019 ވަނަ ދުވަހު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.