މިހާރު ފްރާންސްގައި ކުރިއަށްދާ ފީފާ ވިމެންސް ވޯލްޑްކަޕްގެ ދެވަނަ ބުރުގައި މިދިޔަ އާދީއްތަ ދުވަހު އިންގްލެންޑް އަތުން 3-0 އިން ބަލިވި މެޗުގައި ކެމަރޫން ޓީމުން ކުޅިވަރުގެ ރޫޚާ ހިލާފު އަމަލު ހިންގުމުން ފީފާ އިން އެ މައްސަލަތައް ބަލަން ނިންމައިފިއެވެ.
އެ މެޗުގައި އިންގްލެންޑުން ކާމިޔާބުކުރި ދެ ގޯލުވެސް ޔަގީންކުރުމަށް ރެފްރީ ވަނީ ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) ގެ އެހީ ހޯދާފައެވެ. ރެފްރީގެ ނިންމުންތަކާއި ގުޅިގެން، މި ދެ ފަހަރުވެސް ކެމަރޫން ޓީމުން ވަނީ ކުޅުން އިތުރަށް ކުރިއަށްގެންދަން ދެކޮޅު ހަދާފައެވެ.
ފީފާ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކެމަރޫން ޓީމުގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ ކުޅިވަރުގެ ރޫހާއި ހިލާފު އަމަލުތަކާއި ރެފްރީގެ ނިންމުންތަކަށް ފާޅުގައި ދެކޮޅު ހެދުމުން އެ މައްސަލަތައް އިތުރަށް ބަލަން ނިންމީކަމަށެވެ.
"ފީފާ ވިމެންސް ވޯލްޑްކަޕްގެ ދެވަނަ ބުރުގައި އިންގްލެންޑްއާ ދެކޮޅަށް ކެމަރޫން ކުޅުނު މެޗަށްފަހު، އެ މެޗުގައި އެ ޓީމުގެ ފަރާތުން ފީފާގެ ޑިސިޕްލިނަރީ ކޯޑް 57 ވަނަ މާއްދާގައިވާ (ކުޅިވަރުގެ ރޫހާ ހިލާފު އަމަލް ހިންގުމުގެ ކުށާއި) އަދި 52 ވަނަ މާއްދާއާ (އަހްލާގީ މައްސަލަތަކާއި ގުޅިގެން) ހިލާފުވެފައިވާތީވެ، ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ކެމަރޫން ޓީމުގެ އެ މައްސަލަތައް ބަލަން ނިންމައިފިން." ފީފާއިން ނެރުނު ބަޔާނުގައިވެއެވެ.
މިވަގުތު އެ މައްސަލަތަކުގެ ތަހުގީގު ކުރިއަށްދާތީވެ، އެކަމާއި ގުޅޭ އިތުރު މައުލޫމާތެއް ހިއްސާކުރެވެން ނެތް ކަމަށްވެސް ފީފާއިން ނެރުނު ބަޔާނުގައިވެއެވެ.