މާފުށީ ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާއި ގުޅިގެން، ކ.މާފުށި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މާފުށީ ޖަލަށް އާއިލީ ބައްދަލުވުމަކަށް ދިޔަ މީހެއްގެ އަތުން، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 04 ރަބަރު ޕެކެޓާއި، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބްލެޓް ސައިޒުގެ ބެލޫނަކާއި މޮބައިލް ފޯނެއް ފެނިފައިވާ ކަމަށެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، މާފުށީ ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ތެރޭގައި ހައްޔަރުކޮށްފައިވަނީ، އުމުރުން، 28 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އަދި އެ އަންހެން މީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ޖޫން 26 ވަނަ ދުވަހު 15:10 ހާއިރު މާފުށި ޖަލުން ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކ.މާފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް 13 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.