އެފްރިކާ ކަޕް އޮފް ނޭޝަންސްގައި ރޭ ކުޅުނު މެޗުތަކަށްފަހު މިސްރު އާއި ނައިޖީރިއާ ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.

މި މުބާރާތުގެ ގްރޫޕް އޭ ގައި ހިމެނޭ މިސްރުން 2-0 ގެ ނަތީޖާއަކުން ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އަތުން މޮޅުވިއިރު، ގްރޫޕް ބީ ގައި ކުޅެވުނު މެޗުގައި ގިނީގެ މައްޗަށް 1-0 އިން ކުރިހޯދައި ނައިޖީރިއާ ވެސް ވަނީ ދެވަނަ ބުރުން ޖާގަ ކަށަވަރުކޮށްފައެވެ.

ރޭގެ މެޗުގައި މިސްރުން ކާމިޔާބުކުރި ފުރަތަމަ ލަނޑު، 24 ވަނަ މިނެޓުގައި ޖަހައިދިނީ އެސްޓަން ވިލާގެ ޑިފެންޑަރު އަހުމަދު އެލްމުހައްމަދީ އެވެ. މި ހާފު ނިމެން ދެ މިނެޓަށްވެފައިވަނިކޮށް ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާހު ވަނީ މިސްރުގެ ލީޑް ފުޅާކޮށްދީފައެވެ. މިއީ އެ ޓީމުގެ އަވަސް އެޓޭކަކުން މަހުމޫދު ޓްރެޒެގޭ ދިން ބޯޅައަކުން ސަލާހު ކާމިޔާބުކުރި ގޯލެކެވެ.

ކޮންގޯ އަށް މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ކާމިޔާބުކުރުމަށް ރަނގަޅު ދެ ފުރުޞަތެއްލިބި ބޭކާރުވެފައިވެއެވެ. އެގޮތުން، މެޗު ފެށިގެން 10 ވަނަ މިނެޓުގައި އެ ޓީމުގެ މާސެލް ޓިސެރަންޑް ފޮނުވާލި ބޯޅައެއް ގޯލްގެ ހުރަސްދަނޑިއަށް އަމާޒުވިއިރު، މި ހާފު ނިމެން ދަނިކޮށް ޖޮނަތަން ބޮލިންގީ ބޮލުން ފޮނުވާލި ބޯޅަވެސް އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ.

ދެވަނަ ހާފުގައި ކޮންގޯ އިން ޑޮމިނޭޓްކުރިއިރު، އެ ޓީމުގެ ބޮލިންގީ ބޮލުން ފޮނުވާލި ހަމަލާ މިސްރުގެ ގޯލްކީޕަރު މުހައްމަދު އެލް ޝެނާވީ މަތަކުރިއެވެ. އޭގެފަހުން، ޔަނިކް ބޮލާސީ ހިލޭޖެހުމަކުން ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ.

މި މުބާރާތުގައި އިއްޔެ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ކެނެތު އޮމެރުއޯ ކާމިޔާބުކުރި ގޯލާއެކު ގިނީ އަތުން 1-0 އިން ނައިޖީރިއާ މޮޅުވެ ދެވަނަ ބުރަށް ދަތުރުކުރިއިރު، ޔުގެންޑާއާ ދެކޮޅަށް ޒިމްބާބުވޭ ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *