ކްރިކެޓް ވޯލްޑްކަޕްގައި އިއްޔެ ކުޅުނު މެޗުގައި، މިފަހަރުގެ މުބާރާތުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ނިއު ޒީލެންޑް އަތުން ހަ ވިކެޓުން މޮޅުވެ ޕާކިސްތާނުން ސެމީ އަށް ދިއުމުގެ ފުރުޞަތު ބޮޑުކޮށްފިއެވެ.
މި ނަތީޖާއާއެކު، ނިއު ޒީލެންޑް އަދިވެސް އޮތީ 11 ޕޮއިންޓާއެކު ދެވަނައިގައެވެ. މިހާތަނަށް ސެމީން ޖާގަ ކަށަވަރުކުރީ 12 ޕޮއިންޓާއެކު އެއްވަނައިގައި އުޅޭ އޮސްޓްރޭލިއާ އެވެ. ތިންވަނައިގައި އޮތް އިންޑިއާ އަށް 9 ޕޮއިންޓް ލިބިފައިވާއިރު، ހަތަރުވަނައިގައި އޮތް އިންގްލެންޑަށް ލިބިފައިވަނީ 8 ޕޮއިންޓެވެ. ޕާކިސްތާނަށް 7 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމު އޮތީ ހަވަނައިގައެވެ. ބަންގްލަދޭޝް އަށް ވެސް މިއަދަދަށް ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމަށް ކުރިލިބެނީ ނެޓް ރަން ރޭޓްގެ ތަފާތުންނެވެ.
އިއްޔެގެ މެޗުގެ ޓޮސް ދިމާވުމުން، ނިއު ޒީލެންޑުން ކުޅެން އަރައި 50 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 237 ލަނޑެވެ. އެންމެ ރަނގަޅަށް ކުޅުނު ޖިމީ ނީޝަމް ނުބައިނުވެ 112 ބޯޅައިން 97 ލަނޑުހެދިއިރު، ކޮލިން ޑެ ގްރޭންޑްހޮމޭ 64 ލަނޑުހެދިއެވެ. ޕާކިސްތާނުން އެންމެ ރަނގަޅަށް އުކީ 28 ލަނޑަށް ތިން ވިކެޓްނެގި ޝާހީން އަފްރީދީ އެވެ.
ޖަވާބުގައި ކުޅެން އެރި ޕާކިސްތާނުން 49.1 އޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން 241 ލަނޑުހަދައި މެޗު ކާމިޔާބުކުރިއެވެ. ޕާކިސްތާނުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 127 ބޯޅައިން 101 ލަނޑުހެދި ބާބަރް އާޒަމް އެވެ. މީގެއިތުރުން، 68 ލަނޑުހެދި ހާރިސް ސުހައިލްގެ ކުޅުން ފާހަގަކޮށްލެވެއެވެ.
މި މުބާރާތުގައި މިއަދު ކުޅޭ މެޗުގައިި އިންޑިއާ ނިކުންނާނީ ވެސްޓް އިންޑީޒްއާ ދެކޮޅަށެވެ.